ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އާ ޖަގަހައެއް ހުޅުވައިފިއެވެ.
އެކަމަށްޓަކައި ރޭ ބޭއްވި ޖަލްސާގައި، މި ޖަގަހަ ހުޅުވައިދެއްވީ އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމްއެވެ.
މި ޖަގަހަ ހުޅުވާފައި ވަނީ ހުޅުމާލޭގެ ފޭސް 2 ގެ ލޮޓް ނަމްބަރ 20041 ގައެވެ.
މި ރަސްމިއްޔާތުގައި ޖޭޕީގެ ރަނިންގ މޭޓް ޑރ. އަމީން އިބްރާހިމްއާއި އެޕާޓިގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް ވަނީ އެ ސަރަހައްދަށް އެއްވެ ޤައުމީ ކެންޑިޑޭޓް، ހޮނަރަބަލް ޤާސިމް އިބްރާހިމް އަށް އޮތް ތާއީދާއި އެއްބާރުލުން ދައްކާލާފައެވެ
މި ރަސްމިއްޔާތުގައި ޤައުމީ ކެންޑިޑޭޓް، ހޮނަރަބަލް ޤާސިމް އިބްރާހިމްގެ އިތުރުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އައިޝަތު ނަހުލާ، ޖުމްހޫރީ ޕާޓީ ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ޤާސިމް އިބްރާހީމްގެ ރަނިންމޭޓު ޑރ. އަމީން އިބްރާހީމް، އޮނަރަބަލް ޢަލީ ވަޙީދު، ޖުމްހޫރީ ޕާޓީގެ ސްޕެޝަލް އެންވޯއީ އޮނަރަބަލް އިލްހާމް އަޙުމަދު އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ވެސް ވާހަކަފުޅު ދެއްކެވިއެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އައިޝަތު ނަހުލާ ވާހަކަފުޅު ދައްކަވަމުން ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކުގެ ތަކުލީފުތަކަށް އަލި އަޅުއްވާލެއްވިއެވެ. އަދި ހަމަ އެހެންމެ، ވޯޓު ލުމަކީ ކޮންމެ ފަރުދެއްގެވެސް ވާޖިބެއްކަން ފާހަގަ ކުރައްވައި، ވޯޓު ލެވޭ ހުރިހާ ރައްޔިތުންނަށް ވޯޓުގެ ބޭނުން ހިފުމަށް އިލްތިމާސް ކުރެއްވިއެވެ.
ޑރ. އަމީން އިބްރާހީމް ފާހަގަކުރެއްވިގޮތުގައި ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯގެ ތައުލީމީ ވައުދުތަކުގެ ތެރޭގައި ހިމެނޭގޮތުން ހުރިހާ ކްލާސްރޫމްތަކަކަށް ޒަމާނީ ޓެކްނޮލޮޖީ ފޯރުކޮށްދީ "ސްމާޓް ސްކޫލް" ތަކަކަށް ހަދައިދޭނެއެވެ. އަދި ސްކޫލް ތަކުގައި ޑޭ ކެއަރ ގެ ހިދުމަތް ދެވޭނެ ގޮތް ހަދައިދޭނެކަން ކަށަވަރު ކުރެއްވިއެވެ.
'ޤައުމީ ކެންޑިޑޭޓް'، ޤާސިމް އިބްރާހިމް ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މި ސަރުކާރުން އެއް ގައުމަކުން 3 ބިލިއަން ޑޮލަރުގެ ދަރަނި ނަގާފައިވާކަމާއި އެތަކެއް މަޝްރޫއެއް ފެށި ނަމަވެސް މީގެން އެއްވެސް ކަމެއް ދައުރު ނިމޭ އިރު ނިމިފައި ނުވާކަން ފާހަގަ ކުރެއްވިއެވެ.
އަދި ހަމަ އެހެންމެ އެސްއެމްއީ ލޯނުތަކަކީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތްތަކަށް ދީފައިވާ ލޯނުތަކެއް ކަމަށާއި އެ ލޯނުތަކީ އާންމު ރައްޔިތުންނަށް އަނބުރާ ދައްކަން ދަތިވާނެ ގޮތްގޮތަށް ދީފައިވާ ލޯނުތަކެއްކަން ފާހަގަ ކުރެއްވިއެވެ. އަދި ޤާސިމް އިބްރާހިމްގެ ވެރިކަމެއްގައި މިފަދަ ލޯނުތައް މާފުކުރާނެކަމަށް ވައުދުވެ ވަޑައިގެންފައިވެއެވެ.
މީގެ އިތުރުން ހުޅުމާލޭގެ ފޭސް 2 ގެ ހިޔާ ފްލެޓުތަކުގައި ދިރިއުޅުއްވާ ރައްޔިތުންނަކީ އެންމެ ރަނގަޅު ހާލަތްތަކުގައި ދިރިއުޅެމުން ގެންދަވާ ރައްޔިތުން ނޫންކަމަށް ވިދާޅުވެ، މިފަދަ ސަބަބުތަކާއި ހުރެ އެ މަނިކުފާނުގެ ސަރުކާރެއްގައި ހިޔާ ފްލެޓުތަކަށް ދައްކަން ޖެހޭ ފައިސާ މާފުކޮށްދެއްވާނެ ކަމަށްވެސް ވައުދުވެވަޑައިގަތެވެ.
ހުޅުމާލޭގައި ހުޅުވިފައިވާ ޖުމްހޫރީ ޕާޓީގެ އިތުރު ޖަގަހަތަކުގެ ތެރޭގައި ފޭސް 1، ރަބަރުގަސްމަގު 6، ލޮޓް ނަމްބަރ 11292 ގައި ވެސް ދާދި ފަހުން ޖަގަހައެއް ވަނީ ހުޅުވާފައެވެ. އަދި އިތުރު ޖަގަހައެއް ޖުމްހޫރީ ޕާޓީގެ އަންހެން ބޭފުޅުންނަށް ޙާއްސަކޮށް ހުޅުމާލޭގެ ހަލަވެލި މަގުގައިވެސް ވަނީ ހުޅުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް