މައިންބަފައިންނަކީ ސުވަރުގޭގެ ދޮރުކޮޅުތަކެއް: ޚުޠުބާ

މައިންބަފައިންނަކީ ދުވަރުގޭގެ ދޮރުކޮޅުތަކެއްކަން ހަނދާންކޮށްދެމުން، މިއަދުގެ ހުކުރު ޚުޠުބާ، މައިންބަފައިންނަށް ކަމޭހިތުމަށް ހާއްސަކޮށްފިއެވެ. ޚުޠުބާގައި ބުނީ، މާތް ﷲ އަށާއި ރަސޫލާއަށް އަދާކުރަން ޖެހޭ ...

01 Sep 2023 | 08:02

މައިންބަފައިންނަކީ ދުވަރުގޭގެ ދޮރުކޮޅުތަކެއްކަން ހަނދާންކޮށްދެމުން، މިއަދުގެ ހުކުރު ޚުޠުބާ، މައިންބަފައިންނަށް ކަމޭހިތުމަށް ހާއްސަކޮށްފިއެވެ.

ޚުޠުބާގައި ބުނީ، މާތް ﷲ އަށާއި ރަސޫލާއަށް އަދާކުރަން ޖެހޭ ހައްގުތައް އަދާކުރުމަށްފަހު ދެން އަދާކުރަންޖެހޭ އެންމެ އިސް ހައްގަކީ މައިންބަފައިންގެ ހައްގުތައް ކަމަށެވެ. އަދި ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުގައި އެކަމަށް ބާރުއަޅުއްވާ ކަމަށެވެ.

"މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް މާތް ﷲ، ހުރިހާ ރަސޫލު ބޭކަލުންނަށާއި ނަބީބޭކަލުންނަށް އަމުރު ކުރެއްވި" ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، މައިންބަފައިންގެ ހައްގުތަކަށް ރައްކާތެރިވުމަކީ ސުވަރުގެއަށް ހުޅުވުފައިވާ ދޮރެއް ކަމަށެވެ. އަދި މައިންބަފައިންގެ ހައްގުތަކަށް ރައްކާތެރި ނުވުމަކީ ސުވަރުގޭގެ މަތިވެރި ނިއުމަތުން މަހުރޫމު ވެގެންދާނެ ކަމެއް ކަމަށެވެ.

މުސްކުޅިވެފައިވާ މައިންބަފައިންނަށް ހިދުމަތް ކުރާނެ ފުރުސަތު ލިބުމަކީ، އެކަމަށްޓަކައި ﷲ އަށް ޝުކުރުވެރި ވާން ޖެހޭ ކަމެއް ކަމަށާއި، ސަބަބަކީ އޭނާއަށް ސުވަރުގޭގެ ދޮރުކޮޅެއް ހުޅުވައިދެއްވީތީ ކަމަށް ޚުޠުބާގައި ބުންޏެވެ.

"މައިންބަފައިންނަށް އަޅާލުމާއި ކަމޭހިތުމަކީ، އެކަމުގައި ޖަދަލުކޮށްގެން ނުވާނެ ކަމެއް. މައިންބަފައިންގެ ހިތުގައި ޖެހުނަދީގެން ނުވާނެ" ޚުޠުބާގައި ބުންޏެވެ.

މީގެ އިތުރުން ޚުޠުބާގައި ބުނީ، މައިންބަފައިން އެއްވެސް ކަމަކަށް އެދޭނަމަ އެކަމެއް އަވަހަށް ކޮށްދޭން ވާނެ ކަމަށެވެ. އަދި އެމީހުން ކަމެއް ބޭނުން ވިޔަސް ނުވިޔަސް، އަބަދުވެސް އެމީހުންނަށް ހެޔޮކޮށް ހިތަން ވާނެ ކަމަށެވެ.

މައިންބަފައިންގެ ރުހުމަކީ، ދަރީންނަށް ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ އަގުބޮޑު އެއްޗެއް ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި މައިންބަފައިންގެ ނިއުމަތުގެ ފުރިހަމަ އަގު ވަޒަން ކުރެވެނީ އާޚިރަތް ދުވަހުގައި ކަމަށް ޚުޠުބާގައި ބުންޏެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް