ނަގަން އެންގުމުންވެސް ނުނެގި އެމްޑީޕީ ބެނާތައް ސިޓީކައުންސިލުން ނަގައިފި

‏މާލޭގެ ބޮޑުތަކުރުފާނުމަގު ގައި މާލެ ސިޓީ ކައުންސިލުން އިންދާފައިވާ ކަދުރު ރުއްތަކަށް ގެއްލުންވާނެހެން ކެމްޕޭން ބެނާ ދަމާފައިވާތީ އެފަދަ ބެނާތައް ނެގުމަށް ކައުންސިލުން އެންގި ނަމަވެސް، ނަގާފައި ނުވާ ބ...

31 Aug 2023 | 19:20

‏މާލޭގެ ބޮޑުތަކުރުފާނުމަގު ގައި މާލެ ސިޓީ ކައުންސިލުން އިންދާފައިވާ ކަދުރު ރުއްތަކަށް ގެއްލުންވާނެހެން ކެމްޕޭން ބެނާ ދަމާފައިވާތީ އެފަދަ ބެނާތައް ނެގުމަށް ކައުންސިލުން އެންގި ނަމަވެސް، ނަގާފައި ނުވާ ބެނާތައް އެ ކައުންސިލްގެ ފަރާތުން ނަގައިފިއެވެ.

ކަދުރު ރުއްތަކަށް އައްސާފައި ހުރީ އެމްޑީޕީގެ ބެނާ ތަކެކެވެ.

މި މަހުގެ 24 ވަނަ ދުވަހު ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ރިޔާސީ އިންތިހާބު 2023 ގެ ކެމްޕެއިން ބެނަރތައް މާލޭގެ ބޮޑުތަކުރުފާނުމަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކަށް ވާ ޖަހައި ދަމާފައިވާތީ އެކަން ނުކުރުމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާ އިން އަންގާފައިވާ ކަމަށެވެ.

އެ އިދާރާ އިން ބުނި ގޮތުގައި ބައެއް ޕާރޓީތަކުން މިހާރުވެސް ބެނަރތައް ކަދުރު ރުއްތަކުގައި ދަމާފައި ހުރުމުން އެ ރުއްތަކަށްދަނީ ގެއްލުން ލިބެމުންނެވެ.

އެގޮތުން ކެމްޕެއިންގެ އެއްވެސް ބެނަރ އެއް ނުވަތަ ދިދަފައްޗެއް ކަމުގައި ވީނަމަވެސް ކަދުރު ރުއްތަކުގައި ހަރު ނުކުރުމަށާއި އަދި އޮންނަ އުޞޫލުގެ ތެރެއިން ހުއްދަ ނަންގަވައިގެން ހޮޅިދަނޑީގައި ބެނަރ އަދި ދިދަފަތި ދެމުމަށް އެ އިދާރާ އިން އިލްތިމާސް ކޮށްފައިވެއެވެ.

އެކަމާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހު 'އިބޫއަސްލަމް' ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީ ވިދާލުވެފައި ވަނީ، ކަދުރު ރުއްތައް ގަނެފައި އެހެރީ ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު ކަމުގައިވާ ދިމްޔާތުން ލިބޭ ކުލިން ނޫން ކަމަށެވެ.

މާރިޔާ ވިދާޅުވީ، އެމްޑީޕީގެ ކެމްޕޭން ބެނަރާ ކެމްޕޭން ދިދަ ތަކަކީ އެމްޑީޕީގެ އާއްމު އެތައް މެމްބަރުންނެއް ނުކުމެ ހަރުކުރާ އެއްޗެއް ކަމަށެވެ. އެއީ އެއްޑީޕީއިން ބުނެގެން ދަމާ އެއްޗެއް ނޫން ކަމަށާއި، ޕާޓީގެ އާއްމު މެމްބަރުންގެ ހިތުގައި ޕާޓީއަށް އޮތް ލޯބީގެ ސަބަބުން ހަރުކުރާ އެއްޗެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

“އެހެން ނޫނަސް އެ ކަދުރު ރުއްތައްވެސް ކޮންމެވެސް އެއްޗަކަށް ބޭނުންކުރާނެ ނޫންތޯ. ބޮޑުއަގުދީފަ ގެންނަވާފަ އެހެރީ ދިމްޔާތުން ލިބޭ ކުއްޔަކަށް ނޫނޭ، މާލޭ ރައްޔިތުންގެ ފައިސާއިން ބައްލަވައިގެންފަ ހުރި އެއްޗެހި ކަމަށްވަންޏާ. އެއީ މިލާފަ ހުރި ރުއްތަކެއް، އެއަށް ހިފީމަ އަދިވެސް އެއަށް ނުހިފާށޭ ކިޔައިގެން އެ ބެނަރު ހިފައިގެން ރުއްތައް މިލީކަމަށް ހަދަން އުޅުނަސް މާލޭގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ.” މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ބޮޑު ހަރަދު ކޮށްގެން އަތިރތިމަތީގައާއި ގޮނޑުދޮށުގައި ކަދުރު ރުއްތައް އިންދިނަމަވެސް އެ ނުހެދޭނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލާއި މޭޔަރު ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރުއްތައް މިލާފައިވާކަން ފާހަގަ ކުރައްވައި މާރިޔާ ވިދާޅުވީ، އެ ރުއްތަކުން ކޮންމެވެސް ބޭނުމެއް ކުރެވޭތީ މާލޭ ރައްޔިތަކަށްވެ ހުރެ ވަރަށް އުފާވާ ކަމަށެވެ. އަދި މަގުތައް ހަލާކުރުން  ހޮޅި ނުޖަހާ، މިލާފަ ހުރި ރުއްތަކުގައި ބެނާ ހަރުކުރުމުން އެކަމުގައި އޮތް މައްސަލައަކީ ކޮބައިތޯ މާރިޔާ ސުވާލު ކުރެއްވިއެވެ.

“އޭނަ (މުއިއްޒު) އަތުގަ އޮތީ މާލޭ ސިޓީ ކައުންސިލް. އޭނަގެ އަމިއްލަ މައިންބަފައިންގެ މުދާ ގޮތުގަ އެ އަންގަނީ (ނަގަން) އެހެން ބައެއްގެ ކެމްޕޭނެއް ކުރަން ވެގެން ބެނަރެއް ހިފާލީމަ. މިލާފަ ހުރި ރުކަކަށްވެސް އޭނަގެ އަމިއްލަ އެއްޗެއްހެން ނޫނެކޭ، އެހެން ބައެއްގެ އެއްޗެއް އެގޮތަށް ހިފާވެސް ނުލެވޭނޭ (ވިދާޅުވަނީ)” މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ އަމިއްލަ ގެކޮޅުގައިވެސް ފިޔާތޮށި ބެނާ ދަމަން ދިދަ ހިފާފައި ވާކަން ފާހަގަ ކުރައްވައި މާރިޔާ ވިދާޅުވީ އެ ނަގަން ވިދާޅުނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް