ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓް ބަންދުވާން ކުޑަ ވަގުތުކޮޅަކަށް ވެފައިވާ އިރު، މިހާރުވެސް ކުލަބުތަކުގެ ޓްރާންސްފާތަކުގެ ކަންކަން ދަނީ ހަލުވި ކަމާއި އެކު ކުރިއަށެވެ. އެގޮތުން އެންމެ ފަހުގެ ޓްރާންސްފާތަކަށް ބަލާއިރު، އިނގިރޭސި ކުލަބު ފުލަމް އިން މިވަނީ ކުރިން ޗެލްސީއާއި އާސެނަލް ކުޅުނު ބްރެޒިލް ވިންގާ ވިލިއަންގެ ސޮއި ހޯދާފައެވެ.
ރިޕޯޓުތައް ބުނާގޮތުން ފުލަމްއިން ވިލިއަންގެ ސޮއި ހޯދީ ފްރީ ޓްރާންސްފާގެ ދަށުން އެއް އަހަރުގެ މުއްދަތަކަށެވެ. އަދި މިއީ މިފަހަރުގެ ޓްރާންސްފާގައި ފުލަމްއިން ސޮއި ހޯދި ނުވަވަނަ ކުޅުންތެރިއާއެވެ.
ވިލިއަން ވަނީ މީގެ ކުރިން ޗެލްސީއަށް ކުޅެ މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ޗެލްސީއާއި ގުޅުނީ 2013 ވަނަ އަހަރަު ރަޝިއާގެ އާންޒީއިންނެވެ. ޗެލްސީއަށް ބަދަލުވެ އެ ކުލަބުގައި ހޭދަކުރި ހަތް ސީޒަނުގައި ވިލިއަން ވަނީ ޗެލްސީއަށް 339 މެޗު ކުޅެދީ 63 ގޯލު ޖަހައިދީފައެވެ. ވިލިއަން ޗެލްސީ ދޫކޮށް އާސެނަލް އާއި ގުޅުނީ 2020 ވަނަ އަހަރުގައެވެ. އާސެނަލްގައި އޭނާ ހޭދަކުރީ އެންމެ ސީޒަނެކެވެ. އެ ސީޒަނުގައި އާސެނަލަށް 37 މެޗު ކުޅުނުއިރު، ކާމިޔާބު ކުރެވުނީ އެންމެ ގޯލެކެވެ.
އާސެނަލް އިން ބްރެޒިލްގެ ކޮރިންތިއަންސްއަށް ބަދަލުވެ އެއް އަހަރު އެ ޓީމުގައި ހޭދަކުރުމަށް ފަހު ވިލިއަން ފުލަމްއަށް ބަދަލުވީ ކޮރިންތިއަންސްގެ އެއްބަސްވުން އުވާލުމަށް ފަހުގައެވެ. ކޮރިންތިއަންސްއަށް ވިލިއަން ކުޅެދިނީ އެންމެ ނުވަ މެޗެވެ.
ވިލިއަން ފުލަމްއަށް ބަދަލުވިއިރު، އެވަޓަންއިން މިވަނީ ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އައި ސެނެގާލްގެ މިޑްފީލްޑަރ އިދުރިސް ގާނާ ގުއަޔޭގެ ސޮއި ހޯދާފައެވެ. ގުއެޔޭ އެވަޓަންއަށް ބަދަލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ގުއޭޔޭ 2019 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވީ ވެސް އެވަޓަންގައި ތިން އަހަރު ހޭދަކުރުމަށް ފަހުގައެވެ. އޭނާ އެވަޓަންގައި ހޭދަކުރި ތިން ސީޒަނުގައި 35 މެޗު ކުޅެދީފައި ވެއެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވެ ތިން ސީޒަން އެޓީމުގައި ހޭދަކުރުމަށް ފަހު އަނެއްކާ ވެސް މިވަނީ އަލުން އެވަޓަންއާއި ގުޅިފައެވެ.
ޕީއެސްޖީގައި ތިން ސީޒަން ހޭދަ ކުރިއިރު، ގުއަޔޭ ވަނީ އެ ޓީމަށް 111 މެޗު ކުޅެދީ ހަތް ލަނޑު ޖަހައިދީފައެވެ.
ގުއަޔޭ އަކީ މިފަހަރުގެ ޓްރާންސްފާގައި އެވަޓަންއާއި ގުޅުނު އެގާރަވަނަ ކުޅުންތެރިއާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް