ސްޕެއިންގެ ރެއާލް މެޑްރިޑަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެދީފައިވާ ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރ މާސެލޯ އިނގިރޭސި ކުލަބް ލެސްޓަރ ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އިނގިރޭސި މީޑިއާ ރިޕޯޓުތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މާސެލޯ ލެސްޓަރ ސިޓީއަށް ބަދަލުވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެއީ 2023 ވަނަ އަހަރުގެ ނިޔަލަށެވެ.
އުމުރުން 34 އަހަރުގެ މާސެލޯ ރެއާލް އިން ވަކިވި ފަހުން އަދި މިހާތަނަށް އެއްވެސް ކުލަބަކާއި ގުޅިފައެއް ނުވެއެވެ. ގިނަ ހުށައެޅުންތަކެއް ލިބުނު ނަމަވެސް މާސެލޯ އެ ހުށައެޅުންތަކަށް ވަނީ ނޫނެކޭ ބުނެފައެވެ. ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން މާސެލޯ މިހާރު ވަނީ ވިސްނުން ބަދަލުކޮށް ލެސްޓަރ ސިޓީއާއި ގުޅުމަށް އެއްބަސްވެފައެވެ.
ރެއާލްގައި މޮޅު ކުޅުމެއް ދައްކާ ކުރިން ފުރަތަމަ އެގާރައިން ޖާގަ ލިބުނު ނަމަވެސް ފަހަކަށް އައިސް މާސެލޯއަށް ޖާގަ ލިބެމުން އައީ ބެންޗުންނެވެ. އެގޮތުން މަދު މެޗެއްގައި ނޫނީ އޭނާއަށް ކުޅެލުމުގެ ފުރުސަތު ވެސް ލިބިފައެއް ނުވެއެވެ. އެގޮތުން ނިމިގެން ދިޔަ ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު ލިބިފައިވަނީ އެންމެ 18 މެޗުންނެވެ. އޭގެ ތެރެއިން ވެސް ގިނައީ ބެންޗުން ފުރުސަތު ލިބުނު މެޗުތަކެވެ. ނިމިގެން ދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގުފެ ފައިނަލުގައި ލިވަޕޫލާއި ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި ވެސް މާސެލޯއަށް ފުރުސަތު ނުލިބެއެވެ. އެ މެޗުގައި ވެސް އޭނާ އިންނަން ޖެހުނީ ބެންޗުގައެވެ.
17 ސީޒަނެއް ރެއާލް އާއި އެކު ހޭދަކުރި މާސެލޯ އަކީ ދުނިޔޭގައި މިވަގުތު ތިބި އެންމެ ތަޖުރިބާކާރު ޑިފެންޑަރުންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ ރެއާލް އާއި އެކު ބޮޑެތި ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. އެގޮތުން ރެއާލް ގައި ހޭދަކުރި 17 ސީޒަނުގައި މާސެލޯ ވަނީ ރެއާލް އަށް 546 މެޗު ކުޅެދީ 38 ގޯލު ޖަހައިދީފައެވެ.
އަދި ރެއާލް އާއި އެކު ފަސް ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ތަށި ކާމިޔާބު ކުރުމުގެ އިތުރުން ސްޕެނިޝް ލީގު ހަ ފަހަރު ހޯދާފައިވެއެވެ. މީގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕް ހަތަރު ފަހަރު އަދި ޔޫއެފާ ސުޕަ ކަޕް ތިން ފަހަރު ހޯދާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް