ތައިވާނުން ޗައިނާއަށް ވަރުގަދަ އިންޒާރެއް: އިހްތިސޯސަށް ވަންނަ ނަމަ ރައްދު ހަމަލާ ދޭނަން

މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި އޮންނަ ތައިވާނުގެ އިހްތިސާސް ހިނގާ ސަރަހައްދަށް ޗައިނާއިން ވަދެއްޖެ ނަމަ ރައްދު ހަމަލާ ދޭނެކަމުގެ އިންޒާރު ތައިވާނުން ޗައިނާއަށް ދީފިއެވެ. ތައިވާނުން ޗައިނާއަށް މި ...

01 Sep 2022 | 14:34

މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި އޮންނަ ތައިވާނުގެ އިހްތިސާސް ހިނގާ ސަރަހައްދަށް ޗައިނާއިން ވަދެއްޖެ ނަމަ ރައްދު ހަމަލާ ދޭނެކަމުގެ އިންޒާރު ތައިވާނުން ޗައިނާއަށް ދީފިއެވެ.

ތައިވާނުން ޗައިނާއަށް މި ރައްދު ދީފައިމިވަނީ ތައިވާނުގެ ވަށައިގެން ހިމެނޭ ބައެއް ސަރަހައްދުތަކުގައި ޗައިނާއިން އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދާ ދަނޑިވަޅެއްގައެވެ. ޗައިނާއިން އެފަދަ އަސްކަރީ ތަމްރީނުތަކެއް އެ ސަރަހައްދުގައި ފެށީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ރައީސް ނެންސީ ޕެލޯސީ ތައިވާނަށް ކުރި ދަތުރާ ގުޅުވައެވެ.

ބައިނަލްއަގްވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އަސްކަރީ އެ ތަމްރީނުތައް އެ ސަރަހައްދުގައި ޗައިނާއިން ކުރިއަށްގެންދަނީ ތައިވާނަށް ބިރުދެއްކުމުގެ ނިޔަތުގައެވެ.

ޗައިނާއިން އެ ސަރަހައްދުގައި އަސްކަރީ ތަމްރީނު ކުރިއަށްގެންދާއިރު ތައިވާނުގެ ޑިފެންސް އޮފިޝަލުން ބުނެފައިވަނީ ތައިވާނުގެ އިހްތިސާސް ހިނގާ ސަރަހައްދުކަމަށްވާ ތައިވާނާ 12 ނޯޓިކަލް މޭލު ކައިރިއަށް ޗައިނާގެ އަސްކަރީ މަނަވަރު، ހެލިކޮޕްޓަރު އަދި އެހެނިހެން އަސްކަރީ އުޅަނދެއްވެސް ގާތްކޮށްފިނަމަ އަމިއްލަ ރައްކާތެރިކަމުގެ ހައްގުގެ ދަށުން ތައިވާނުން ހަމަލާދޭން ފަސް ނުޖެހޭނެ ކަމަށެވެ.

އަސްކަރީ ތަމްރީނުތައް އެގޮތަށް ކުރިއަށްގެންދާއިރު ތައިވާނުގެ މަތިން ކަހަލަ ގޮތަކަށް ޗައިނާއިން ޑްރޯންތައް ފޮނުވާތީ އެކަމަށްވެސް ތައިވާނުން މިވަނީ ރައްދު ދީފައެވެ. އެގޮތުން ޗައިނާގެ ޑްރޯންއަކަށް ތައިވާނުން ފުރަތަމަ ފަހަރަށް، މިދިޔަ އަންގާރަ ދުވަހު ވަނީ ހަމަލާ ދީފައެވެ.

ޗައިނާ ތައިވާން މަސްރަހު އަދިވެސް ހޫނުވަމުން އަންނައިރު ޗައިނާއިން ދެކެނީ އަދިވެސް ތައިވާނަކީ ޗައިނާގެ ޕްރޮވިންސެއް ކަމަށެވެ. އެކަން ބަދަލުނުވާނެ ކަމަށާއި ބަދަލު ނުވެސް ކުރެވޭނެކަމަށްބުނެ ޗައިނާއިން އަންނަނީ ގަދަބަސް ބުނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް