އެމްއެންޕީގެ ޤައުމީ ޖަލްސާ "ދަ ނެޝަނަލްސް ކޮންވެންޝަން 2022" ގެ ލޯގޯ އިފްތިތާހު ކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޤައުމީ ޖަލްސާ "ދަ ނެޝަނަލްސް ކޮންވެންޝަން 2022" ގެ ލޯގޯ އިފްތިތާހު ކޮށްފިއެވެ. އެ ޕާޓީގެ ފުރަތަމަ ޤައުމީ ޖަލްސާ އޮންނާނީ މިސެޕްޓެމްބަރ މަހުގެ 23 އިން 24 އަށް ތ...

01 Sep 2022 | 10:40

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޤައުމީ ޖަލްސާ "ދަ ނެޝަނަލްސް ކޮންވެންޝަން 2022" ގެ ލޯގޯ އިފްތިތާހު ކޮށްފިއެވެ.

އެ ޕާޓީގެ ފުރަތަމަ ޤައުމީ ޖަލްސާ އޮންނާނީ މިސެޕްޓެމްބަރ މަހުގެ 23 އިން 24 އަށް ތާޖުއްދީން ސްކޫލްގައެވެ.

މިލޯގޯ ފަރުމާކުރުމުގައި އިސްކަންދީފައިވަނީ، ޤައުމިއްޔަތު، ދީން އަދި އެއްބައިވަންތަކަން ރަމްޒުކޮށް ދިނުމަށެވެ.

މި ލޯގޯގައިވާ މިސްކިތް އިސްލާމްދީން ރަމްޒުކޮށްދޭއިރު، ލޯގޯގައިވާ ދިވެހި ދިދަ ރަމްޒުކޮށްދެނީ ޤައުމިއްޔަތެވެ. އަދި ލޯގޯގައިވާ 3 މީހުން ރަމްޒުކޮށްދެނީ އެއްބައިވަންތަކަމެވެ.

މީގެ އިތުރުން ލޯގޯގައިވާ އަންހެން އަދި ފިރިހެން މީހުން ރަމްޒުކޮށްދެނީ މިންތީގެ ހަމަހަމަކަމެވެ. އަދި ލޯގޯގައިވާ މީހުންގެ ހަރަކާތުން ޤައުމިއްޔަތު ކޮޅަށްޖަހަން ކުރާ މިންނެތް މަސައްކަތް ރަމްޒުކޮށްދޭއިރު، ލޯގޯގައިވާ ރުކާއި، މޫދު އަދި ގޮނޑުދޮށް ރަމްޒުކޮށްދެނީ ރާއްޖޭގެ ގުދުރަތީ ރީތިކަމެވެ.

އެމްއެންޕީގެ ޤައުމީ ޖަލްސާގެ ޒިންމާތަކަކީ ޕާޓީގެ އަސާސީ ޤަވާއިދު އިސްލާހުކުރުމާއި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމެވެ. އިތުރު މަސައްކަތެއްގެ ގޮތުން އެމްއެންޕީގެ އަސާސީ ޤަވާއިދުގެ ދަށުން އިންތިޚާބުކުރަން ޖެހޭ މަޤާމުތަކަށް މީހުން އިންތިޚާބުކުރުމެވެ.

މި ޤައުމީ ޖަލްސާ އިފްތިތާޚްކުރުމަށް 23 ވާ ހުކުރު ދުވަހުގެ ރޭ ބާއްވާ ބައްދަލުވުމަށްފަހު، ޤައުމީ ޖަލްސާ ދެމިގެންދާނީ ތިން ސެޝަންއަކަށެވެ.

އެގޮތުން ފުރަތަމަ ސެޝަންގައި އެމްއެންޕީގެ އަސާސީ ޤަވާއިދުގެ ދަށުން އިންތިޚާބުކުރަން ޖެހޭ މަޤާމުތަކަށް މީހުން އިންތިޚާބުކުރުމާއި އަސާސީ ޤަވާއިދު އިސްލާހު ހުށަހެޅާ އެހުށަހެޅުންތަކަށް ބައިވެރިންގެ މެދުގައި މަޝްވަރާކުރުން އޮންނާނެއެވެ. އަދި ދެވަނަ ސެޝަން ގައި އެމްއެންޕީގެ ސިޔާސަތުތައް ހުށަހަޅާ ބައިވެރިންގެ މެދުގައި މަޝްވަރާކުރުން އޮންނައިރު، ތިންވަނަ ސެޝަން ގައި އޮންނާނީ އެމްއެންޕީގެ ދަ ނެޝަނަލްސް ކޮންވެންޝަން 2022 ނިންމާލުމެވެ.

އެމްއެންޕީގެ ޤައުމީ ޖަލްސާގައި ޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގެ މެންބަރުންގެ އިތުރުން، އެމްއެންޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން ބައިވެރިވާނެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދާއިރާތަކުގެ ރައީސުންނާއި ނާއިބު ރައީސުން އަދި ގޮފިތަކުގެ ރައީސުންވެސް ބައިވެރިވާނެއެވެ.

މީގެ އިތުރުން އެމްއެންޕީއަށް ނިސްބަތްވާ ސިޓީ/ރަށު ކައުންސިލްތަކުގެ މެންބަރުންނާއި، އެމްއެންޕީއަށް ނިސްބަތްވާ ސިޓީ/ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންވެސް ބައިވެރިވާނެއެވެ.

އެމްއެންޕީގެ ކުރިމަގު ބައްޓަންވެގެންދާނީ މިޤައުމީ ޖަލްސާ ބައިވެރިން ނިންމާ ނިންމުންތަކުގެ މައްޗަށެވެ. އަދި މިޤައުމީ ޖަލްސާ ނިމިގެންދާނީ ޕާޓީގެ ޤައުމީ ހިންގާ ކައުންސިލުގެ ފަރާތުން ޕާޓީގެ މައި ސިޔާސަތުތަކަށް އެއްބަސްވެވިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް