ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ގދ. ފިއޯރީގައި ކޮމިއުނިޓީ ލައިބްރަރީއެއް ތަރައްގީކޮށްފިއެވެ.
މި ޕްރޮޖެކްޓް ކުރިޔަށް ގެންގޮސްފައިވަނީ ފިއޯރީގައި ހިންގަމުންދާ ޖަމިއްޔާ ފިއޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ޖަމިއްޔާގެ ފަރާތުންނެވެ.
މި ޕްރޮޖެކްޓްގެ މަގްސަދަކީ ފޮތް ކިއުމަށް ޝައުގުވެރިކަން އުފެއްދުމާއި، ރަށުގެ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކޮށް، ބޭރުތެރޭގައި އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. ކޮމިއުނިޓީ ލައިބްރަރީ ތަރައްގީކޮށްފައިވަނީ ފިއޯރީ ކުޑަކުދިންގެ ޕާކުގެ ބައެއްގެ ގޮތުގައެވެ.
މި ޕްރޮޖެކްޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފޭސް ޖަމިއްޔާގެ ނައިބު ރައީސް ސުރުހާން މުހައްމަދު ވިދާޅުވީ "މިރަށުގައި އާއިލާތަކާއެކު އެއްވެ ގުޅުންބަދަހި ކުރުމަށް ވަކި ޚާއްސަ މާހައުލެއް މިރަށުގައި މިވަގުތު ނެތް. އެހެންކަމުން އަޅުގަނޑުމެންގެ އުންމީދަކީ ރަށުގެ ރައްޔިތުން މި ސަރަހައްދު ބޭނުންކުރުން. މިހާރު ޕާކަށް އަންނަ ކުދިންނަށް އާއިލާއާއެކު ގެއިން ބޭރުގައި ފޮތް ކިޔާލުމަށް ވަގުތު ހޭދަކުރެވޭނެ. އަޅުގަނޑުމެންގެ އުންމީދަކީ މިތަނަކީ މި މުޖުތަމައަށް މުހިންމު ތަނަކަށް ވެގެން ދިއުން."
ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓް ހިންގުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް