ވަޅިން ހަމަލާދީ 2018 ވަނަ އަހަރު މަރާލި އިބްރާހީމް އާގިލްގެ މަރުގެ މައްސަލައިގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.
މިއަދު ހެނދުނު 9:00 އަށް ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ ދައުލަތުގެ ވަކީލުން އެދިގެންނެވެ. މިއަދު އޮންނާނީ އެ މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ.
2018 ވަނަ އަހަރުގެ އޮގަސްޓު 31 ވަނަ ދުވަހު ވަޅިން ހަމަލާދީ މަރާލާފައިވާ އާގިލުގެ މަރުގެ މައްސަލައިގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކުރަނީ ލ. ފޮނަދޫ/ ހިޔާ، ހަމްދޫން ހަމްޒަތާއި ސ. ހިތަދޫ/ ސްވޭހުހީނާގޭ، އަލީ މިޖުވާދު މާލިކް އިބްރާހިމްގެ މައްޗަށެވެ. އަދި އެކަމަށް އެހީތެރިވިކަމުގެ ދައުވާ ހއ. ދިއްދޫ/ ސްނޯބޯޑް، އިބްރާހިމް ވިޝާމްގެ މައްޗަށް ކުރެއެވެ.
މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ޖޫން މަހުގެ ހަތް ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވެފައިވަނީ މައްސަލައިގައި ދައުލަތަށް ސިއްރު ހެކި އަދިވެސް ހާޒިރު ކުރެވިފައިނުވާކަމަށެވެ.
އެކަމާ ގުޅިގެން ދައުލަތުން ބުނީ ހެކިބަސް ނުނެގި މިހާރު ވަނީ ސިއްރު ތިން ހެކިންގެ ކަމަށާއި އެ މީހުންނަކީ އެ މައްސަލައިގައި ދައުވާކުރާ އެންމެންނާވެސް ގުޅޭ ހެކިން ކަމަށެވެ. އެހެންކަމުން ދައުލަތުގެ ވަކީލް އެދިފައިވަނީ، އެ ތިން ސިއްރު ހެކިން ކޯޓަށް ހާޒިރުވެ ހެކިބަސް ދިނުމުގެ ޗިޓެއް ފޮނުވައިދެއްވުމަށެވެ.
އެކަމާ ގުޅިގެން ގާޒީ ވަނީ ޗިޓު ފޮނުވައިގެން ސިއްރު ހެކީން ކޯޓަށް ހާޒިރުކުރާ ނަމަ ސިއްރުކަން ގެއްލޭނެ ކަމަށާއި އެގޮތަށް ޗިޓު ފޮނުވައިގެން ސިއްރު ހެކީން ހާޒިރުކުރުމުގައި އެ މީހުންގެ ސިއްރުކަން ގެއްލުމަކީ ދައުލަތުން ޝަރީއަތަށް އަމާޒުކޮށް އެއްޗެއް ބުނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސިއްރު ހެކީން ނުފެންނަ ގޮތަށް އެ މީހުންގެ އަޑު ބަދަލުނުކޮށް ހެކި ބަސް ނެގިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އާގިލްގެ މަރުގެ މައްސަލައިގައި ތުހުމަތުވާ ހަމްދޫނާއި މިޖުވާދުގެ ވަކީލް ވަނީ އެ މައްސަލައިން ތަނާޒުލްވެފައެވެ.
ވަޅިން ހަމަލާދީ އާގިލު މަރާލާފައިވަނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށްފަހު އެނބުރި މާލެ އައިސް ލޯންޗުން ފޭބި ވަގުތު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިންނެވެ. އާގިލަށް ފަރުވާދިނުމަށް ގެންދިޔަ އޭޑީކޭ ހޮސްޕިޓަލުން އޭރު ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.
އާގިލް މަރާލާފައިވަނީ ސިލްސިލާކޮށް އެ ދުވަސްވަރު މާލޭގައި ހިންގި މާރާމާރީތަކަކާއި ގުޅިގެން ބަދަލުހިފުމަށް ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް