މޯލްޑީވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ފަޅާލައި25 ރުފިޔާ ވަގަށް ނެގި މީހާ ހައްޔަރުކޮށްފި އެވެ.
މީރާ ފަޅާލީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.
މި މައްސަލައިގަ ފުލުހުން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރީ އިއްޔެ އެވެ.
އެމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން45 ދުވަހަށް ބަންދުގައި ބެހެއްޓުމުގެ ހުއްދަ ދީފައިވެ އެވެ. އެމީހާ ވަނީ ކޯޓުގައި މީރާ ފަޅާލި ކަމަށް އެއްބަސްވެފައި އެވެ.
މީގެ ކުރިން 2014އިން މިއަހަރުގެ ޖުލައި މަހާ ހަމައަށް އޭނާ ދިޔައީ ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި ހުކުމުގެ ބޮޑުބައެއް ފުރިހަމަކޮށްފައިވާތީ ޖުލައި މަހުގެ 19 ވަނަ ދުވަހު އޭނާއަށް ވަނީ މައާފްދީ މިނިވަން ކޮށްފައެވެ.
މިނިވަން ކުރި ފަހުން މީރާ އޮފީސް ފަޅާލުމުގެ ކުރިން, މޯލްޑިވިއަންގެ އޮފީހާއި ޖުވެނައިލް ކޯޓުގެ އިމާރާތުން އޭނާ ވައްކަން ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އަށް އަހަރު ޖަލުގައި ހޭދަކުރުމަށްފަހު މިނިވަންކުރިތާ މަހެއް ނުވަނީސް ވައްކަން ކުރަން ޖެހުނީ ކުރީގެ އެކުވެރިންނާ ދިމާވެ މަސްތުވާތަކެތި ބޭނުންކުރަން ފެށުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް