ސައުދީ އަރަބިއްޔާގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ޕާޓީ ޑްރަގްސް އަތުލައިގެންފި އެވެ.
އެތަކެތި އަތުލައިގަތީ އެއްގަމު މަގުން ރިޔާދަށް އެތެރެކޮށް ގުދަން ކޮށްފައި ވަނިކޮށެވެ. އެތަކެތި ސައުދީގެ ރިޔާދަށް އެތެރެ ކުރީ ފުށް ޝިޕްމެންޓެއްގެ ތެރޭގައި ފޮރުވައިގެންނެވެ.
މި މައްސަލައިގަ ހައްޔަރު ކުރީ އަށް މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނި ޕާކިސްތާނު ދެ ރައްޔިތުންނާއި ސީރިއާގެ ހަ މީހުންނެވެ.
އެމީހުން އަތުން އަތުލައިގަތް ޕާޓީ ޑްރަގްސްގެ ތެރޭގައި 47 މިލިއަން ކުދި ކޮތަޅު ހިމެނެ އެވެ. އެތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ޑޮލަރަށްވުރެ އިތުރެވެ.
ސައުދީގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ ޖެނެރަލް ޑައިރެކްޓަރޭޓް މޭޖާ މުހައްމަދު އަލް ނުޖައިދީ ވިދާޅުވީ މިއީ މިހާތަނަށް ސައުދީން އެއްފަހަރާ އަތުލައިގަނެވުނު އެންމެ ގިނަ މަސްތުވާތަކެތި ކަމަށެވެ. އޭނާ ވިދާޅުވީ އެ އިދާރާއިން ދަނީ ޕާޓީ ޑްރަގްސް އެތެރެ ކުރުމުގެ މައްސަލަތަކަށް ސަމާލުކަން ދީ، ޝައްކު ކުރެވޭެ ޒުވާން އުމުރުފުރާގެ ކުދިންނާއި މީހުންގެ ހަރަކާތްތަކަށް ފާރަލުމުން ކަމަށެވެ.
ނުޖައިދީ ވިދާޅުވީ މިފަހަރު އޮޕަރޭޝަންގައި ހައްޔަރު ކުރެވުނު މީހުން މެދުވެރިކޮށް މި މައްސަލައިގަ ޝާމިލްވާ ސައުދީ ރައްޔިތުން ހޯދާނެ ކަަމަށެވެ. އަދި މި ނެޓްވޯކާއި ގުޅުން ހުރި އިތުރު މަސްތުވާތަކެތީގެ ނެޓްވޯކްތައްވެސް ހޯދާނެ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް