ކުޅުދުއްފުށި ސިޓީ އިމާމުންނާއި ޚަތީބުންނަށް ބާއްވާ ތަމްރީން ޕްރޮގްރާމް ފަށައިފި

ކުޅުދުއްފުށި ސިޓީ އިމާމުންނާއި ޚަތީބުންނަށް ބާއްވާ ތަމްރީން ޕްރޮގްރާމް ފަށައިފިއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ކުރިއަށްދަނީ އިއްޔެއިން ފެށިގެން މި ސެޕްޓެމްބަރ މަހުގެ 3 ވަނަ...

01 Sep 2022 | 04:01

ކުޅުދުއްފުށި ސިޓީ އިމާމުންނާއި ޚަތީބުންނަށް ބާއްވާ ތަމްރީން ޕްރޮގްރާމް ފަށައިފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ކުރިއަށްދަނީ އިއްޔެއިން ފެށިގެން މި ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހާއި ހަމައަށެވެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ތިން ޢިލްމުވެރިންނާއި 2 ޤާރީންނެވެ.

36 ޚަތީބުންނާއި 14 އިމާމުންނާއިއެކު 50 ބޭފުޅުން ބައިވެރިވާ މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައިދޭނީ ނަމާދުގެ ޙުކުމްތަކާއި، ޚިލާފީ މައްސަލަތަކުގައި ޢަމަލުކުރާނެގޮތާއި މަސައްކަތުގެ އަޚްލާޤެވެ. އަދި އެހެން މީހުންނާއި މުޢާމަލާތްކުރުން ފަދަ މައުޟޫޢުތަކާއި ތަޖުވީދާއި ޚުޠުބާ ހުށަހެޅުމުގައި ވިސްނަންވީ ކަންކަމާއި، އިމާމުންނާއި ގުޅޭ ސިވިލް ސަރވިސްގެ ޤަވާޢިދާ އުސޫލުތަކާއި ހުކުރު ޤަވާޢިދާ އުސޫލުތައް ވެސް ކިޔަވައިދިނުމަށް ވަނީ ނިންމާފައެވެ.

މިއީ ދިވެހިރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާ ފަރާތްތަކަކީ، ޢާއްމު ރައްޔިތުންނާއެކު ފަރުޟު ފަސްނަމާދު އިސްވެކުރައްވާ ފަރާތްތައް ކަމަށްވާތީ، އެފަރާތްތަކަށް އިތުރު ތަމްރީނުދިނުމާއި، ހުނަރުވެރިކަން އިތުރުކުރުމާއި، ފުޅާދާއިރާއެއްގައި އެބޭފުޅުންގެ މަސައްކަތްތައް ބައްޓަންކުރުމަށް މަގުފަހިކުރުމުގެ މަޤްސަދުގައި ބާއްވާ ޕްރޮގްރާމެކެވެ.

މީގެ އިތުރުން މި ޕްރޮގްރާމަކީ، އިމާމުންނާއި ޚަތީބުންގެ މައްސޫލިއްޔަތުތައް އިތުރަށް ހަރުދަނާކޮށް އެ ބޭފުޅުންނަށް މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށާއި ކުރެވޭ ކުށްތައް ބަޔާންކޮށްދީ އެކަންކަން ރަނގަޅުކޮށްދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެކެވެ.

މުޅި ރާއްޖެއަށް އަމާޒުކޮށް ހިންގޭ މި ޕްރޮގްރާމް ކުރިއަށް އޮތްތާނގައި ރާއްޖޭގެ އެހެން އަތޮޅުތަކުގައިވެސް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް