ރޮނާލްޑޯ ޔުނައިޓެޑުގައި މަޑުކުރާނެ - ޓެން ހާގް

ޔޫރަޕްގެ ކުލަބު ފުޓްބޯޅައިގެ ޓްރާންސްފާ އަށް ހުޅުވިފައި އޮތް ދޮރު މިއަދުގެ ނިޔަލަށް ބަންދުވެގެންދާއިރު، ގިނަ ބަޔަކަށް ބެލެވިފައި އޮތީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލް ތަރި ކްރިސްޓިއާނ...

01 Sep 2022 | 02:34

ޔޫރަޕްގެ ކުލަބު ފުޓްބޯޅައިގެ ޓްރާންސްފާ އަށް ހުޅުވިފައި އޮތް ދޮރު މިއަދުގެ ނިޔަލަށް ބަންދުވެގެންދާއިރު، ގިނަ ބަޔަކަށް ބެލެވިފައި އޮތީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބު ދޫކޮށް ޗެލްޕިއަންސް ލީގު ފުޓްބޯޅަ ކުޅޭ ކުލަބަކަށް ބަދަލުވާނެ ކަމަށެވެ. އެގޮތުން އެންމެ ފަހުން މީޑިއާތަކުގައި ޚަބަރު ފަތުރާފައިވަނީ މި ޓްރާންސްފާ ނިމުމުގެ ކުރިން އިޓަލީގެ ނަޕޮލީ ނުވަތަ ސްޕޯޓިން އަށް ރޮނާލްޑޯ ބަދަލުވާނެ ކަމަށެވެ. ނަމަވެސް މިކަން އެގޮތަށް ނުހިނގިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ ސިޓީއާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ވަނީ މި ސީޒަން ނިމުމާއި ހަމައަށް ރޮނާލްޑޯ ޔުނައިޓެޑުގައި މަޑުކުރާނެ ކަމަށް ބުނެފައެވެ. އަދި މީޑިއާގައި ކޮންމެ ގޮތަކަށް ވާހަކަ ދެކެވުނު ނަމަވެސް އެއީ ތެދު ނޫންކަމަށް ޓެން ހާގް ބުންޏެވެ.

ޓެން ހާގް އިތުރަށް ބުނީ ރޮނާލްޑޯ އަކީ އޭނާ މި ސީޒަނަށް ހެދި ޕްލޭނުގައި ހިމެނޭ މުހިންމު ކުޅުންތެރިއެއް ކަމަށާއި ކާމިޔާބީ ހޯދާނީ ރޮނާލްޑޯ އާއި ވެސް އެކުގައި ކަމަށެވެ. އެހެން ކަމުން ރޮނާލްޑޯ ކުލަބުގައި މަޑުކުރާނެ ކަމަށް އޭނާ ބުންޏެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް އެނބުރި ދިޔަ ރޮނާލްޑޯ މި ސީޒަނުގެ ކުރިން ވަނީ ކްލަބު ދޫކޮށްލަން މަސައްކަތް ކޮށްފައެވެ. އެއީ ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވާ ކަމަށް ބުނެއެވެ. މިސީޒަނުގައި ޔުނައިޓެޑުން ޔޫރަޕުގައި ކުޅޭނީ ޔޫރޮޕާ ލީގު ކަމަށްވީ އިރު، ރޮނާލްޑޯގެ އެޖެންޓް ވަނީ ޗެމްޕިއަންސް ލީގު ކުޅޭ ކްލަބަކަށް ރޮނާލްޑޯ ގެންދަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ޗެމްޕިއަންސް ލީގު ކުޅޭ ކުލަބަކަށް ރޮނާލްޑޯ ގެންދިއުމަށް މެންޑޭސް ގިނަ މަސައްކަތް ތަކެއް ކުރި ނަމަވެސް އެކަން ކާމިޔާބު ވެފައި ނުވަނީ ޔޫރަޕްގެ ގިނަ ކުލަބުތަކުން ރޮނާލްޑޯ ގެންދަން ބޭނުން ނުވާކަމަށް ބުނުމުންނެވެ. އެގޮތުން ޗެލްސީ އާއި ބަޔާން މިޔުނިކް އަދި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ފަދަ ކުލަބުތަކުން ވަނީ ރޮނާލްޑޯ ގެންދަން ބޭނުން ނޫންކަމަށް ބުނެފައެވެ.

ނިމިގެން ދިޔަ ސީޒަނުގައި ރޮނާލްޑޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މިފަހަރުގެ އައު ސީޒަނުގައި ރޮނާލްޑޯއަށް ގިނަ ފުރުސަތުތައް ލިބެމުން އަންނަނީ ބެންޗުންނެވެ. އެގޮތުން ޔުނައިޓެޑުން މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ރޮނާލްޑޯއަށް ފުރަތަމަ 11 އިން ފުރުސަތު ދިނީ އެންމެ މެޗަކުންނެވެ. އެއީ ބެރެންޓް ފޯޑާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. މި މެޗުން ޔުނައިޓެޑް ބަލިވެފައިވާއިރު، އެ މެޗަށް ފަހު ޔުނައިޓެޑުން ކުޅުނު ދެމެޗުން ވެސް ރޮނާލްޑޯ ކުޅެން އެރުވީ ބެންޗުންނެވެ.

މިދިޔަ ސީޒަން ރޮނާލްޑޯ ވަނީ އޭނާ ޔުނައިޓެޑަށް ކުޅެދިން 38 މެޗުގައި 24 ގޯލު ޖަހައިދީފައެވެ. ނަމަވެސް މި ފަހަރުގެ ސީޒަނުގައި ކުޅުނު ހަތަރު މެޗުގައި ރޮނާލްޑޯއަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އައު ކޯޗާއި އެކު ޔުނައިޓެޑު އައު ސީޒަން ފެށީ ދެ ބައްޔާއި އެކުގައެވެ. އެންމެ ފުރަތަމަ ލީގުގައި ކުޅުނު ދެމެޗުން ވެސް ބަލިވެ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވި ޕްރެޝަރާ އެކު ޔުނައިޓެޑުން މިހާރުވަނީ ޓީމު ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކެއް ގެނެސްފައެވެ. އެގޮތުން ޔުނައިޓެޑުން ވަނީ ރެއާލް މެޑްރިޑުގެ މިޑްފީލްޑަރު ކަސެމީރޯއާއި އަޔެކްސްގެ އެންޓޮނީ އަދި ލިސަންޑްރޯ މާޓިނޭޒްގެ އިތުރުން ފޭނޫޑަށް ކުޅެމުން އައި މަލަސިއާ އެ ކްލަބަށް ގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް