އިސްލާހީ މަސައްކަތަކީ ހަމައެކަނި ވާހަކަ ދެއްކުމަކުން ވާނެކަމެއް ނޫންކަމުގައި އަދާލަތު ޕާޓީގެ ރައީސް އަދި މި ދައުރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ރޭ ދަންވަރު ކުރެއްވެވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި އިމްރާން ވިދާޅުވީ އިސްލާހީ މަސައްކަތަކީ ހަމައެކަނި ވާހަކަ ދެއްކުމުން ނުވަތަ ކުރު މުއްދަތެއްގެ މަދު މަސައްކަތަކުން ވާނެ ކަމެއް ނޫން ކަމަށެވެ.
އިމްރާން އިތުރަށް ވިދާޅުވެފައިވަނީ ހެޔޮ ބަދަލެއް ގެނެވޭނީ އެއް އަމާޒަކަށް، ދިގު މުއްދަތަކަށް، ފޫހިކަމެއް ވަރުބަލިކަމެއްނެތި ކުރެވޭ ބުރަ މަސައްކަތުން ކަމަށެވެ.
https://twitter.com/ShimranAb/status/1565061107269922816
ހޯމް މިނިސްޓަރުގެ މަގާމަށް އިމްރާން އައްޔަންކުރެވިގެންދިޔަތާ ހަތަރު އަހަރުވާން ގާތްވެފައިވާއިރު އެމަނިކުފާނު މިފަދަ ސިޔާސީ ޓްވީޓްތަކެއް މިފަހުން ކުރައްވަން ފެއްޓެވީ ދާދި މިދާކަށް ދުވަހުގައެވެ. އޭގެ ކުރިން ގައުމުގެ މަސްރަހު ކިތަންމެ ހަލަބޮލިވި ނަމަވެސް އިމްރާނަކީ ޓްވީޓް ކުރައްވާ ބޭފުޅެއް ނޫނެވެ.
ފާޑުކިޔާ ފަރާތްތަކުން ސިފަކުރާގޮތުގައި އިމްރާން މިފަހުން ޓްވީޓް ކުރައްވަން އެ ފެއްޓެވީ އަނެއްކާވެސް ރިޔާސީ އިންތިހާބެއް ގާތް ވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް