އީސީ މަހުލޫފާއި އެއްކޮޅަށް، އެމްޑީޕީގެ ނިންމުން ސިޔާސީ ޕާޓިތަކުގެ ގާނޫނުގެ އިޖުރާއަތްތަކާ ހިލާފު!

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމާފައިވަނީ ގޯސްކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ. އެ ކޮމިޝަނުން މިހެން ...

01 Sep 2021 | 18:55

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމާފައިވަނީ ގޯސްކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން މިހެން ބުނީ އެ މައްސަލައިގަ މަހުލޫފު އީސީއަށް ޝަކުވާ ހުށަހެޅުމުން އެމްޑީޕީ އާއި މަހުލޫފަށް ޖަވާބުގައި ފޮނުވި ސިޓީގައި އެވެ.

އީސީން ބުނީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކަކީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވައިދުތަކާ އެއްގޮތަށް ކުރިއަށް ގެންދާ އިންތިހާބުތަކެއް ކަށަވަރު ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. ސިޓީގައި ބުނި ގޮތުގައި، ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕާޓީގެ މެންބަރުކަން ފިޔަވައި އިތުރު ޝަރުތުތަކެއް ކަނޑައަޅާނަމަ، އެފަދަ ޝަރުތުތަކެއް ކަނޑައެޅޭނީ އަސާސީ ގަވައިދަށް ގެނެވޭ އިސްލާހަކުން ނުވަތަ އެ ގަވައިދުން ބާރުލިބިގެން ހަދާ ގަވައިދަކުން ކަމަށެވެ.

އެ ނޫން ގޮތަކަށް ކެންޑިޑޭޓެއްގެ ޝަރުތުތައް ކަނޑައެޅުމަކީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ އިޖުރާއަތްތަކާ ހިލާފު ކަމެއްކަން އިލެކްޝަން ކޮމިޝަނުގެ ސިޓީގައި އެމްޑީޕީއަށް އަންގާފައިވެ އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އިންތިހާބުތަކުގައި ވާދަކުރުމުގެ ޝަރުތަކަކީ އެ ޕާޓީގެ މެންބަރަކަށްވުން އެކަންޏެވެ. އެކަމަކު މަހުލޫފު ފޯމް ހުށަހަޅައި ފޯމް ގަބޫލް ކުރުމުން ކެމްޕެއިން ކުރަމުން ދަނިކޮށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން ވަނީ އާ ޝަރުތަކެއް މަތިކޮށް އެކަން ފާސްކޮށްފަ އެވެ.

https://twitter.com/AhmedMahloof/status/1433077262371340289

އެމްޑީޕީން އޭނާގެ ކެންޑިޑޭސީ ބާތިލް ކުރީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އޭސީސީން މަހުލޫފަށް ތުހުމަތު ކުރާ ކަންކަމާއި ގުޅިގެން ދައުވާކޮށްދިނުމަށް އެދިފަވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް