2022 ވަނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕް ޔޫރަޕިއަން ކޮލިފައިންގައި މިރޭ ޔޫކްރެއިންއާއި ކަޒަކިސްތާން ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ކަޒަކިސްތާނުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ.
މި ދެ ގައުމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ވެސް ނިމިފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ.
ޔޫކްރެއިން ކޮލިފައިންގެ ފުރަތަމަ ބުރުގައި މިހާތަނަށް ހަތަރު މެޗެއް ކުޅެފައިވާއިރު، އެ ހަތަރު މެޗުންވެސް ވަނީ އެއްވަރުވެފައެވެ. ނަމަވެސް ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއި އެކު ޔޫކްރެއިން މިވަގުތު އޮތީ އެ ގައުމު ހިމެނޭ ގުރޫޕު ޑީގެ ދެވަނާގައެވެ.
ކަޒަކިސްތާން މިހާތަނަށް ތިން މެޗެއް ކުޅެފައިވާއިރު، ދެމެޗުން އެއްވަރުވެ އެއް މެޗުން ވަނީ ބަލިވެފައެވެ. އެހެން ކަމުން ތިންމެޗުން ލިބުނު ދެ ޕޮއިންޓާއި އެކު އެގައުމު މިވަގުތު އޮތީ ގުރޫޕު ޑީގެ ހަތަރުވަނާގައެވެ. މި ގުރޫޕުގެ އެއްވަނާގައި ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއި އެކު އޮތީ ފްރާންސްއެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު އެއް ލަނޑުގެ ތަފާތުން ކުރީގައި އޮތީ ޔޫކްރެއިންނެވެ. މެޗު ފެށިގެން ދެވަނަ މެޗުގައި މި ލަނޑު އެ ގައުމަށް ލަނޑު ކާމިޔާބު ކޮށްދިނީ ރޯމަން ޔަރެމްޗުކްއެވެ. ކަޒަކިސްތާނުން މެޗުގެ ނަތީޖާ އެއްވަރުކުރީ ފަހުހާފުގެ 74 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރުސްލާން ވަލިއުލިންއެވެ. ޔޫކްރެއިންގެ ދެވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ޑެނީލޯ ސިކަން ކާމިޔާބު ކުރި ނަމަވެސް އޭގެ ކުޑަ އިރުކޮޅެއް ފަހުން ކަޒަކިސްތާނުން ވެސް ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެގައުމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ރުސްލާން ވަލިއުލިންއެވެ.
ކޮލިފައިންގައި ދެން ޔޫކްރެއިން ބައްދަލުކުރާނީ މިމަހުގެ ހަތަރުވަނަ ދުވަހު ފްރާންސްއާއެވެ. އަދި ކަޒްކިސްތާން ބައްދަލުކުރާނީ ހަމަ އެދުވަހު ފިންލެންޑާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް