ހުޅުމާލޭ ފޭސް 2 ގައި ހަމަޖައްސަންޖެހޭ ޕަބްލިކް ޓްރާންސް ޕޯޓް ސިސްޓަމާއި ސްކޫލް ބަސް ޚިދުމަތާއި ބެހޭގޮތުން ހިޔާ ޔޫނިއަން އިން އެމްޓީސީސީ އާ މަޝްވަރާ ކޮށްފި އެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން ހިޔާ ޔޫނިއަން އިން ބުނީ ބަހުގެ ރޫޓްތަކާއި، ބަހުގެ ޝެޑިއުލް އާއި މާލޭގެ ކާނިވަލު ސަރަހައްދު އަދި މާފަންނު ވެސްޓްޕާކް ސަރަހައްދަށް ކުރެވޭ ދަތުރުތަކުގެ އިންތިޒާމްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި މިއަދުގެ މަޝްވަރާތަކުން ވަރަށް ހިތްހަމަޖެހޭ މަންޒަރުތަކެއް ފެނުނު ކަމަށެވެ.
ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ބަސްތައް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނޭ ކަމަށާއި މިކަމަކީ ދުރާލާ ތައްޔާރުވެފައި އޮތްކަމެއްނޫން ކަމުން އެމް.ޓީ.ސީ.ސީ އަށް މިކަން ހަވާލުކުރެވި ފަށައިގަންނައިރު ދަތިތަކެއް ހުރެދާނެކަމަށް ވެސް އެމްޓީސީސީ އިން ބުނެފައިވާ ކަމަށް އެ ޔޫނިއަން އިން ބުނެ އެވެ.
މީގެ އިތުރުން މި ޚިދުމަތް ދޭން ފެށުމަށްފަހުގައި ވެސް ދިމާވާ ދަތިތަކާއި ފޭސް 2 ގައި ދިރިއުޅޭމީހުންގެ ފަރާތުން އެދޭ ކަންކަމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރުމަށް ޔޫނިއަން އިން ވަނީ ނިންމާފަ އެވެ.
ހިޔާ ޔޫނިއަން އަކީ "ހިޔާ ފްލެޓް" ލިބުނު ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ކަމާއިގުޅުން ހުރި އިދާރާތަކަށް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޔޫނިއަން އެކެވެ.
އެ ޔޫނިއަން އިން މިހާތަނަށް ވަނީ ފްލެޓް ލިބުނު ފަރާތްތަކުގެ ކަންބޮޑުވުންތައް ރައީސް އޮފީސް، ހައުސިންގ މިނިސްޓްރީ، އެޗްޑީސީ އަދި ބީއެމްއެލް ފަދަ ތަންތަނާ ހިއްސާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް