ކެންސަރު ހޮސްޕިޓަލް އެޅުމަށް ތައްޔާރުވުމަށް އަންނަ ހަފްތާގައި އިންޑިއާގެ ޓީމެއް އަންނަނީ

ރާއްޖޭގައި އަޅާ ފުރަތަމަ ކެންސަރު ބައްޔަށް ފަރުވާދޭ ހޮސްޕިޓަލްގެ މަސައްކަތް ފެއްޓުމަށް ތައްޔާރުވުމަށް އަންނަ ހަފްތާގައި ޓީމެއް ރާއްޖެ އަންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ. އެ ހޮސްޕިޓަލް އެޅުމަށ...

01 Sep 2021 | 12:06

ރާއްޖޭގައި އަޅާ ފުރަތަމަ ކެންސަރު ބައްޔަށް ފަރުވާދޭ ހޮސްޕިޓަލްގެ މަސައްކަތް ފެއްޓުމަށް ތައްޔާރުވުމަށް އަންނަ ހަފްތާގައި ޓީމެއް ރާއްޖެ އަންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އެ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ލ. ގަމުގައި އެވެ. ކެންސަރު ހޮސްޕިޓަލު އަޅަނީ އިންޑިއާ ސަރުކާރުގެ އެހީއާ އެކު އެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި ލ. ގަމު ކެންސަރު ހޮސްޕިޓަލް ހެދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޓީމެއް ރާއްޖެ އަންނާނެ ކަމަށެވެ. އަދި އެ ޓީމް ވަޑައިގަންނަވަނީ ޑީޓެއިލް ޕްރޮޖެކްޓް ރިވިއު ހެދުމަށް ކަމަށާއި، ރިވިއު ހެދުމަށްފަހު ޕްރޮޖެކްޓް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.

މި ހޮސްޕިޓަލް އަޅަކަން އިއުލާނު ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވިދާޅުވީ އިންޑީއާ ސަރުކާރުގެ އެހީގައި އަޅާ މި ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެ ކަމަށެވެ.

ސަރުކާރުން ލަފާކުރާގޮތުގައި މި ހޮސްޕިޓަލަކީ ކެންސަރާއި، ގައިންގަޔަށް ނާރާ އެހެނިހެން ބަލިތަކުގައި މަރުވާ އަދަދު 2018 ގައި ހުރި މިންވަރުން 15 ޕަސެންޓު ދަށް ކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް މުހިންމު މަޝްރޫއަކަށް ކަމަށެވެ.

ކެންސަރު ހޮސްޕިޓަލް ފުރަތަމަ އަޅަން ނިންމީ ހުޅުމާލޭގަ އެވެ.

ކެންސަރު ހޮސްޕިޓަލެއް ރާއްޖޭގައި އެޅުމަަށް ނިންމާފައިވާ އިރު، ކެންސަރު ބައްޔަކީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން އެންމެ ގިނައިން ދިވެހިން ބޭސްފަރުވާގެ ޚިދުމަތް ހޯދާ ބައްޔެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް