ބަރުލަމާނީއަކީ ދަންތުރައެއް ކަމަށާއި އޭގައި ޖެހުމަކީ ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމުން، ގާސިމް ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ގާސިމް އެހެން ވިދާޅުވީ މިދިޔަ ހޯމަ ދުވަހުގެ ރޭ އެ ޕާޓީގެ ޖަގަހަ، މ. ކުނޫޒުގައި ކުރިއަށްގެންދިޔަ ޖަލްސާގައެވެ.
ގާސިމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ ބޮންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ދަންތުރައެއް ކަމަށް ބުނުމަކީ ދިވެހި ގައުމު މިނިވަންކަން ހޯދި ނިޒާމަށް ކުރި ފުރައްސާރައެއް ކަމަށެވެ. އަދި މިނިވަންކަމުގެ އެގްރީމެންޓުގައި ސޮއެ ކުރެއްވީ ބަރުލަމާނީ ބޮޑުވަޒީރެއްކަން ފާހަގަކުރައްވައި ބޮންޑޭ ވިދާޅުވީ ޤާސިމް ދައްކަވާފައިވާ ވާހަކަތަކަކީ ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭކަމެއްކަމަށެވެ.
މަ ދުވަހުގެ ރޭ ކުނޫޒުގައި ދެއްކެވި ވާހަކަތަކުގައި ޤާސިމް ވިދާޅުވީ ބަޔަކު ނިކުމެގެން ބަރުލަމާނީއޭ ކިޔައިގެން ފަތުރާ ދަންތުރައިގައި ޖެހެން ހެޔޮނުވާނެ ކަމަށާއި އެއީ ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށެވެ.
އެގޮތުން ބަރުލަމާނީ ގެންނަން އުޅެނީ ގައުމަށާއި ރައްޔިތުންނަށް ހެޔޮ އެދިގެން އުޅޭ ބައެއް ނޫން ކަމަށާއި އެއީ އަމިއްލަ އެދުމުން ފޯވެގެން ކުރާ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ބަރުލަމާނީ ނިޒާމު އޭޝިއާ ބައްރަށް އައިސްފައިވަނީ އިނގިރޭސިންގެ ނުފޫޒުން ކަމަށާއި އެއީ އިނގިރޭސިން އިންދާފައިވާ އޮށެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"މުޅި ގައުމު ފަސާދަ ކުރުމަށްޓަކާ ރާވާފައި އޮތް ނިޒާމެއް މި ބަރުލަމާނީ ނިޒާމަކީ." ގާސިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް