ދަރިންނާއެކު ވަގުތު ހޭދަކުރުމަކީ ބައެއް ބައްޕައިންނަށް ލިބޭ އުފަލެއްކަމުގައިވިޔަސް ދަރިންނަށް ވަގުތު ނުދެވޭ ބައްޕައިން ތިބޭކަމަށް ގަބޫލުކުރަންޖެހެއެވެ. އަދާކުރާ ވަޒީފާގެ ގޮތުން ނުވަތަ އުޅެންޖެހޭ ގޮތެއްގެ ސަބަބުން ނަމަވެސް ދަރިންނާއެކު ވަގުތު ހޭދަ ނުކުރެވުމީ އެކަމުގެ ސަބަބުން އެތައް ފައިދާތަކަކުން ދަރިން މަޙުރޫމުވާ ކަމެކެވެ. މިގޮތުން ދަރިންގެ ވިސްނުން ފުރިހަމަވުމުގައި ބައްޕައިންގެ ދައުރު ބޮޑުކަމަށް ދިރާސާތަކުން ދައްކައެވެ.
ބައެއް ދިރާސާތަކުން ބުނާގޮތުގައި ބައްޕައާއެކު ގިނަވަގުތު އުޅޭ 1 އަހަރަށްދާ އުމުރުގެ ކުދިން، ބައްޕައާއެކު ވަގުތު ހޭދަނުކުރާ އެ އުމުރުގެ ކުދިންނަށްވުރެ ވިސްނުން މާބޮޑުތަންވެސް ރަނގަޅެވެ. އަދި ބައްޕައާއެކު ގިނަ ވަގުތު ހޭދަކުރާކުދިންގެ އުމުރުން 3 އަހަރަށް ދާއިރު، ވިސްނުން ފުޅާވެ، މައްސަލަތައް ފަސޭހައިން ހައްލުކޮށް، އައިކިއު (ވިސްނުންދެނެގަތުމުގެ ޓެސްޓު) އިން މަތިން ހޯދާކަން ފާހަގަކުރެވޭކަމަށްވެސް ދިރާސާތަކުން ދައްކައެވެ.
އެގޮތުން ބައްޕައާއި އެކު ގިނަ ވަގުތު ހޭދަކުރާކުދިން ސްކޫލަށް ދާހިތްވާލެއް ބޮޑުވުމާއި އިތުރު ޙަރަކާތްތަކުގައި ބައިވެރިވާހިތްވުމާއި ސްކޫލަށް ގަވައިދުން ހާޒިރުވާކަން ފާހަގަކުރެވޭކަމަށް ދިރާސާތަކުން ދައްކައެވެ. މިކަމުގެ ނަތީޖާއަކީ ދަރިވަރުންގެ ޢިލްމީ ނަތީޖާ ރަނގަޅުވުމެވެ. ބައްޕައާއެކު ގިނަވަގުތު ހޭދަކުރާ ކުދިންގެ ކިޔެވުމުގެ ނަތީޖާ ބައްޕައާއެކު ގިނަ ވަގުތު ހޭދަ ނުކުރާ ކުދިންނަށްވުރެ ރަނގަޅެވެ. ޚާއްޞަކޮށް މުވާޞަލާތުކުރުމާއި ހިސާބު ޢިލްމަށް މޮޅުކަން ފާހަގަކުރެވޭކަމަށް ވެސް ދިރާސާތަކުގައި ބުނެފައިވެއެވެ.
ތަޢުލީމީގޮތުން ކުއްޖާ މޮޅުވުމަކީ ކުއްޖާގެ ކުރިމަގު އުޖާލާވާނެ ކަމެކެވެ. ފަސޭހަކަމާއެކު ވަޒީފާ ލިބުމަށް މަގުފަހިވާނެ ކަމެކެވެ. ކާމިޔާބުކަމާއެކު ވަޒީފާއަދާކޮށްފައިވާ ގިނަމީހުން ވަޒީފާއަދާކޮށްފައިވަނީ އެންމެ ކުޑައިރުއްސުރެވެސް އެވަޒީފާތަކަށް ޝައުގުވެރި ވެގެންނެވެ. ކުރިއަށްދާނެ ދާއިރާއެއް ކަނޑައެޅި އެ އުންމީދުތަކާއެކު މަސައްކަތްކޮށްގެނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބައްޕައާއެކު ގިނަވަގުތު އުޅޭކުދިންނަށް ކެރިއަރ އިޚްތިޔާރުކުރުމަށް ފަސޭހަވެއެވެ. އަދި އިގުތިޞާދީ ކަންކަމަށް ދަރިން ލޯހުޅުވޭލެއް ބޮޑުވެ، ވަޒީފާ އަދާކުރުމުގެ ރޫޙު އެކުދިންގެ ހިތުގައި ވަރަށް ބޮޑަށް އުފެދެއެވެ. މިކަންކަމަކީ ދަރިންގެ ކުރިމަގު އުޖާލާވެނެ ކަންކަމެވެ. އެކުދިންގެ ކުރިމަގު އުޖާލާކޮށްދޭނެ ކަންކަމެވެ.
ބައްޕައާއެކު ވަގުތު ހޭދަކުރުމަކީ ދަރިންނަށް އުފާވެރިކަން ލިބޭ ކަމެކެވެ. އެ އުފާވެރިކަމާއެކު ހިތްހަމަޖެހުންލިބި ނުރަނގަޅު އިހުސާސްތަކުން ދަރިން ދުރުކޮށްދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބައްޕަ، ދަރިފުޅަށް ގިނަ ވަގުތު ދޭނަމަ މައިންބަފައިންނާ ދަރިން އޮންނަ ގުޅުން ވަރަށް ބޮޑުތަން ރަނގަޅުވެއެވެ. އެކަމުގެ ސަބަބުން ދިމާވާކުއްލިކަންކަމުގައި އަޅާނެ ރަނގަޅު ފިޔަވަޅު ދަރިންނަށް ދަސްވުމާއި، ހިތާމަވެރިކަން އިހުސާސްކުރަންޖެހޭ ހާލަތްތަކުގައި ކެތްކުރުމާއި ތިމާ އުޅޭ މާހައުލަށް ލޯހުޅުވޭލެއް އިތުރުކަން ދިރާސާތަކުން ދައްކައެވެ. މިކަންކަމުގެ ސަބަބުން އުފާވެރި އިހުސާސްތައް އުފެދި ރަނގަޅު ނޫން އިހުސާސްތަކުން ދަރިން ދުރުކޮށްދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދަރިންނާއެކު ބައްޕަ، ގިނަ ވަގުތު ހޭދަކުރުމަކީ ރަނގަޅު ނޫން އިހުސާސްތަކުން ދަރިން ދުރުކޮށްދޭ ކަމެކެވެ.
ބައްޕައިންގެ އަޅާލުމާއި ލޯތްބަކީ ކުދިންނަށް ކޮންމެހެން ބޭނުން ހަދިޔާއެކެވެ. ކުދިންނާއެކު ބައްޕަމެން ހޭދަކުރާ ވަގުތަކީ މުހިންމު ހަދިޔާއެކެވެ. އެހަދިޔާގެ ސަބަބުން ކުދިންގެ ވިސްނުން ރަނގަޅުވެއެވެ. ކުދިންގެ ނަތީޖާ ރަނގަޅުވުމަށް މަގުފަހިވެއެވެ. ކުދިން ކުރިމަގާމެދު އެކުދިން މާ ބޮޑަށް ވިސްނައެވެ. ކުދިންގެ އިހުސާސްތައް މާ ރަނގަޅުވެއެވެ. ކުދިންގެ އިޖްތިމާޢީ ގުޅުންތައް އިތުރަށް ބަދަހި ވެއެވެ. މީގެ އިތުރުން ކުދިންނާއެކު ވަގުތު ހޭދަނުކުރާނަމަ އެތައް މައްސަލައެއް ކުދިންނަށް ދިމާވެ، އިޖްތިމާޢީ މައްސަލަތަކުގެ ހާއްޔަކަށް އެކުދިން ވެއްޓެއެވެ.
އެހެންކަމުން ކޮންމެ މަންމައަކާއި ބައްޕައަކުވެސް ކުދިންނަށް ވަގުތު ދިނުމަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ. އެކުދިން ހިތްހަމަޖައްސާލުމަކަށް އެކަންޏެއް ނޫނެނެވެ. އެކުދިން އުފާކޮށްދިނުމަށް އެކަންޏެއް ނޫނެވެ. ދަރިންގެ ކުރިމަގު އުޖާލާކޮށް، ކާމިޔާބު ހަޔާތެއް ދަރިންނަށް ހޯދައި ދިނުމަށްޓަކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް