ރަޝިއާއިން އަންނަ ފަތުރުވެރިން އިތުރުކުރުމަށް ކެންޕެއިނެއް

ރަޝިއާއިން އަންނަ ފަތުރުވެރިން އިތުރުކުރުމަށް ކެންޕެއިނެއް ފަށައިފިއެވެ. އެމްއެމްޕީއާރުސީން މި ކެމްޕެއިން ފެށީ ރަޝިޔާގެ ޓުއަރ އޮޕަރޭޓަރ، ޓެޒް ޓުއާސްއާ އެކު އެވެ. ޓެޒް ޓުއާސް އަކީ ރަޝިއާގެ އެންމެ ވަރުގ...

01 Sep 2021 | 09:24

ރަޝިއާއިން އަންނަ ފަތުރުވެރިން އިތުރުކުރުމަށް ކެންޕެއިނެއް ފަށައިފިއެވެ. އެމްއެމްޕީއާރުސީން މި ކެމްޕެއިން ފެށީ ރަޝިޔާގެ ޓުއަރ އޮޕަރޭޓަރ، ޓެޒް ޓުއާސްއާ އެކު އެވެ.

ޓެޒް ޓުއާސް އަކީ ރަޝިއާގެ އެންމެ ވަރުގަދަ އެއް ޓުއަރ އޮޕަރޭޓަރއެވެ. އެމްއެމްޕީއާރުސީން ޓެޒް ޓުއަރއާއެކު ފަށާފައިވާ ކެންޕެއިނަކީ ސެޕްޓެންބަރު މަހުގެ ނިޔަލަށް ރަޝިއާގެ ފަތުރުވެރިން އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތަރިވާ ފަރާތްތަކަށް އަމާޒުކޮށް ހިންގާ ކެންޕެއިނެކެވެ.

އެމްއެމްޕީއާރުސީން ބުނީ މި ކެންޕެއިންގެ ޓީވީ، ރޭޑިއޯ، ސޯޝަލް މީޑިއާ، ބްލޮގް އަދި ވެބިނާތައް މެދުވެރިކޮށް ރަޝިއާގައި ރާއްޖެ އިޝްތިހާރުކުރުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. މީގެތެރޭގައި ޔޫރޯ ނިއުސް ޗެނަލް އަދި ރަޝިޔާގެ ބައެއް ރީޖަނަލް ޓީވީ، އަދި ރޭޑިއޯތަކުގައި ރާއްޖޭގެ އިޝްތިހާރުތައް ކުރެވޭނެއެވެ. މި ކެންޕެއިން މެދުވެރިކޮށް ރަޝިޔާގެ 15 މިލިއަން ފަރާތަކަށް ރާއްޖެ އިޝްތިހާރުކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

މިކެންޕެއިންގެ ޒަރިއްޔާއިން، ރާއްޖެއަކީ ރަޝިއާ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވޭނެއެވެ. ގުދުރަތީ ގޮތުން ރާއްޖޭގެ ރަށްތައް އުފެދިފައިވަނީ ވަކިވަކި ރަށްތަކެއްގެ ގޮތުގައިކަމާއި، ރާއްޖެއިން ރަޝިޔާ ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް މިކެންޕެއިންގެ ތެރެއިން އިޝްތިހާރުކުރެވޭނެ ކަމަށްވެސް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

މިކެންޕެއިންގެ ސަބަބުން ރަޝިއާ ފަތުރުވެރިން ރާއްޖެއަށް ބުކިން ހަދާ މިންވަރު އިތުރުވެ، ކުރިއަށް އޮތްތަނުގައި ރަޝިޔާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް