އެއްވެސް މީހަކު ލައްވައި ގަދަކަމުން ބަރުލަމާނީ ނިޒާމުގެ ޕެޓިޝަންގައި ސޮއި ނުކުރުވަން: ޝިފާ

އެއްވެސް މީހަކު ލައްވައި ގަދަކަމުން ބަރުލަމާނީ ނިޒާމުގެ ޕެޓިޝަންގައި ސޮއި ނުކުރާ ކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ބަރުލަމާނީ ނިޒާމުގެ ޕެޓިޝަންގައ...

01 Sep 2021 | 08:00

އެއްވެސް މީހަކު ލައްވައި ގަދަކަމުން ބަރުލަމާނީ ނިޒާމުގެ ޕެޓިޝަންގައި ސޮއި ނުކުރާ ކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ބަރުލަމާނީ ނިޒާމުގެ ޕެޓިޝަންގައި ބައެއް މީހުން ލައްވައި ގަދަކަމުން ސޮއިކުރާ ކަމުގެ ތުހުމަތު ތޮއްޔިބު ކުރުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

ޝިފާ ވިދާޅުވީ މިއަދު ވެސް 30 އަހަރު ކުރިން އުޅުނު ހާލަތަށްވުރެ ވެސް ދަށް ހާލަތުގައި އުޅޭ މީހުން ތިބި ކަމަށެވެ. އަދި އެކަމަށްޓަކައި ކަންބޮޑުވާ ކަމަށެވެ.

https://twitter.com/SifaMohammed/status/1432951276728250374

ތޮއްޔިބު ކުރައްވާފައިވ ޓްވީޓުގައި ވިދާޅުވެފައިވަނީ ގަދަކަމުން މީހުން ލައްވައި ސޮއި ކުރުމުން އޭގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށެވެ. އަދި އަނެކާގެ ރުހުމުގައި ސޮއިކުރަން ދޫކޮށްލާފިއްޔާ ފަހަށް ވެސް އޭގެ ނަތީޖާ ރަނގަޅުވެ، ދެފަރާތައްމެ އެކަމުގެ ހިތްހަމަޖެހުން އޮންނާނެ ކަމަށް އޭނާއަށް ފެންނަކަމަށެވެ.

https://twitter.com/thayyib/status/1432950641953886208

ބަރުލަމާނީ ނިޒާމް ގެންނަން، ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ކަންކަން އަވަސްކުރުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް އެމްޑީޕީގެ އާންމު މެންބަރުންތަކެއް މިހާރުދަނީ ކުރަމުން ނެވެ.

މި ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށްވެސް ހުށައަޅާނެ ކަމަށް މިކަން އިންތިޒާމު ކުރާ ފަރާތުން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވިދާޅުވެފަ އެވެ. 2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމު ކަމަށެވެ.

ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް 58،504 މީހުން ވޯޓުދީފައިވާ އިރު، މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ.

ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް