ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ މަހުގެ އެކަކަށް އިތުރުކޮށްފި

ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ އަހަރުގެ މާޗް 12 ވަނަ ދުވަހު އިއުލާނު ކުރީ ކޯވިޑް-1...

01 Sep 2021 | 07:37

ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ އަހަރުގެ މާޗް 12 ވަނަ ދުވަހު އިއުލާނު ކުރީ ކޯވިޑް-19 އާއި ގުޅިގެންނެވެ. އެ މުއްދަތު އިތުރު ކުރަމުން މިދިޔަ މަހުގެ ދެ ވަނަ ދުވަހު އިތުރު ކުރި އެއް މަސްދުވަހުގެ މުއްދަތު ހަމަވެފައިވަނީ މިއަދުގެ ނިޔަލަށެވެ.

ހެލްތް މިނިސްޓު އަހުމަދު ނަސީމް ސޮއި ކުރައްވާ މިއަދު ނެރުއްވާފައިވާ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޯވިޑް-19 ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށެވެ. ކޯވިޑް-19ގެ ނުރައްކާ ކުޑަކޮށް، އާއްމުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާ ކަމަށެވެ.

އެހެންވެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑަށް މީހަކު ޕޮސިޓިވްވީ މިދިޔަ އަހަރުގެ މާޗް ހަތް ވަނަ ދުވަހު އެވެ. އޭގެ ފަހުން ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުގައި ތިބި ޓޫރިސްޓުންނާއި ރާއްޖެެއިން ބޭރުން އައިސް ކަރަންޓީންގައި ތިބި ދިވެހިންތަކެކެވެ.

މާލޭގައި ބަލި ފެތުރެމުންދާކަން އެނގުނީ މިދިޔަ އަހަރުގެ އޭޕްރިލް 15 ގައި އެވެ. އޭގެ ފަހުން އަތޮޅު ތެރެއިންވެސް ބަލި ފެނިފައިވެ އެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 81،112 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އަދި މި ބަލީގައި 226 މީހަކު މަރުވެފައިވެ އެވެ. މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 79،143 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް