އޮޅިގެން ބޮޑެތި އަދަދުތަކުން މުސާރަ ޖަމާކޮށްދެވުނު ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެކައުންޓުތައް ފްރީޒް ކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ސަރުކާރު މުވައްޒަފުންނަށް މުސާރަ ޖަމާކޮށްދެވުނުއިރު ބައެއް މުވައްޒަފުންނަށް މަދުން މުސާރަ ޖަމާވެފައިވާއިރު އަނެއްބައި މުވައްޒަފުންނަށް ބޮޑެތި އަދަދުތައް މުސާރައިގެ ގޮތުގައި ލިބިފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ އިތުރަށް ޖަމާވި ފައިސާ ބޭނުން ނުކުރުމަށް އަންގާފަ އެވެ. އަދި މިހާރު މައުލޫމާތު ލިބޭގޮތުގައި އިތުރަށް ފައިސާ ޖަމާވި މުވައްޒަފުންގެ އެކައުންޓުތައް ވަނީ ފިނޭންސް މިނިސްރީގެ އެންގުމަށް ފްރީޒް ކޮށްފަ އެވެ.
އެކައުންޓްތައް ދޫކޮށްލާނީ އިތުރަށް ޖަމާވެފައިވާ ފައިސާ ރިވާސް ކުރުމަށް ފަހުއެވެ. މިއަދު މިމައްސަލަ ހައްލުކޮށް އެކައުންޓްތައް ދޫކޮށްލާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ބައެއް މުވައްޒަފުން ބުނެފައިވާގޮތުގައި އެމީހުންނަށް 70،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބިފައިވެ އެވެ. މަދުން މުސާރަ ލިބުނު މުވައްޒަފުންނަށް 6،000 ރުފިޔާވެސް އޮޅިގެން ޖަމާކޮށްދެވިފަ އެވެ.
މިކަމާއި ގުޅިގެން ސަރުކާރުގެ އެއްވެސް އިދާރާއަކުން ރަސްމީކޮށް އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް