މި ސަރުކާރު ވެރިކަމަށް އައިފަހުން ދިގުރަށު ހެލްތް ސެންޓަރަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ވަނީ ލިބިފަ: ކައުންސިލް

މި ސަރުކާރު ވެރިކަމަށް އައިފަހުން ދިގުރަށު ހެލްތް ސެންޓަރަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާކަމަށް ދިގުރަށު ކައުންސިލުން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާ ކުރައްވައިފި އެވެ. މިކަން ފާހަގަކު...

01 Sep 2021 | 06:42

މި ސަރުކާރު ވެރިކަމަށް އައިފަހުން ދިގުރަށު ހެލްތް ސެންޓަރަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާކަމަށް ދިގުރަށު ކައުންސިލުން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާ ކުރައްވައިފި އެވެ.

މިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލަރުންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލުންވަނީ ދިގުރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތަކާއި، ދިގުރަށު ރައްޔިތުންނަށް ދިމާވާ ދަތިތައް ވަރަށް ތަފްޞީލުކޮށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފަ އެވެ.

އެގޮތުން، އެރަށުގައި ވަރަށް ބޮޑަށް ޓުއަރިޒަމް ފުޅާވަމުންދާތީ ހެލްތު އެންޑް ސޭފްޓީއަށްޓަކައި ތަމްރީނު ވެފައިތިބޭ މީހުން ބޭނުންވާ ކަމަށާއި ހެލްތު ސެންޓަރަށްވެސް އެކަމަށް ޙާއްޞަ އިތުރު ފެސިލިޓީސް ބޭނުންވާކަމުގައި ކައުންސިލުން ވަނީ ފާހަގަކުރައްވާ ފައެވެ. އަދި ބަނދަރުގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވާ ރަށުގެ ސްކޫލަށް ބޭނުންވާ ބައެއް ޚިދުމަތްތަކާއި ފެސިލިޓީތައް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ވަރަށް ތަފްޞީލުކޮށް އެމަނިކުފާނާއި ޙިއްޞާކުރައްވާފަ އެވެ.

މީގެ އިތުރުން ރަށުގައި އޭ ލެވެލް އުފެއްދުމަށް ބޭނުންވާ ކަމަށާއި، ޔޫތު ސެންޓަރެއް ހެދުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފަ އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި ސަރުކާރުން އެއްވެސް ރަށެއް ބަކީ ނުކޮށް ތަރައްޤީގެ މަޝްރޫޢު ހިންގުމުގައި ރަށުގެ ކައުންސިލްރަކާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ހަމަ އެގޮތަށް އެރަކަށް ވެފައިވާ ވަޢުދެއް ފުއްދުމަށް ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ކައުންސިލުން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަމަށް އަލިއަޅުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންތައްތައް އެކަމާ ގުޅޭ މިނިސްޓްރީތަކާއި ވާހަކަދައްކައިގެން ވީ އެންމެ އަވަހަކަށް ކޮށްދިނުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިފައިވާ ބާރުގެތެރެއިން ކައުންސިލްގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ބާރުއަޅުއްވާފަ އެވެ.

ހަމަ އެއާއެކު، ކައުންސިލުން އިސްނަގައިގެން ސްކޫލުކުދިންގެ ހުނަރު އިތުރުކުރުމަށް މަސައްކަތްކުރުމަށާއި ފަތަން ދަސްކޮށްދިނުމަށް ޙާއްޞަ އަހަންމިއްޔަތުކަމެއް ދެއްވުމަށް އެމަނިކުފާނު ބާރުއެޅުއްވެވި އެވެ.

މީގެ އިތުރުން ދިގުރަށުގައި ޓުއަރިޒަމްގެ ދާއިރާ ފުޅާވަމުންދާއިރު އެޗް.ޕީ.އޭގެ ޤަވާޢިދުތަކަށް ބަލައި ޤަވާޢިދުގެ ތެރެއިން ކަންކަން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ބައްދަލުކުރެއްވުމުގައި ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް