މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި މަރުވި ބަންގްލަދޭޝްގެ ކުޑަކުއްޖެއް ކަމަށްވާ ރައުޝަން ޖިއަންގެ މަރުގެ މައްސަލައިގައި ބަދަލުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ދިނުމަށް ޑަބްލިއު ކޮންސްޓްރަކްޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި ހާދިސާ ހިނޣާފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ.
އުމުރުން 7 އަހަރުގެ ޖިއާން މަރުވީ، ޑަބްލިއު ކޮންސްޓްރަކްޝަންގެ އިހުުމާލުގެ ސަބަބުން ކަމަށް ކަނޑައަޅައި ގެއްލުމުގެ ބަދަލު ހޯދުމަށް އެދި އެކުންފުންޏާ ދެކޮޅަށް މައިންބަފައިންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު އެ ކުއްޖާގެ މައިންބަފައިން ތަމްސީލު ކޮށްފައިވަނީ ޕަބްލިކް އިންޓްރެސްޓް ލޯގެ ފަރާތުންނެވެ.
އެ މައްސަލައިގައި ޖިއާންގެ މައިންބަފައިންގެ ފަރާތުން އެދިފައިވަނީ ބަދަލުގެ ގޮތުގައި 17.4 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.
އެހެންނަމަވެސް ސިވިލް ކޯޓުން މި މައްސަލައިގައި އިއްޔަ އިއްވި ހުކުމުގައި ބުނެފައިވަނީ، 16 ޑިސެމްބަރ 2018 ވަނަ ދުވަހުގެ ހެނދުނު ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަސައްކަތްކުރަމުން ދަނިކޮށް ސިމެންތި ބަސްތާތަކެއްގެ ތެރެއިން ދުވާރުމައްޗަށް ވާގޮތަށް ތިރިއަށް ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި، އެވަގުތު ދުވާރުމަތިން ހިނގާފައިދިޔަ ޖިއާންއަށް އެކަމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް ޖިއާން ނިޔާވެފައިވާތީ، ޖިއާން ނިޔާވެފައިވަނީ ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުންތަކެއް އެކުންފުނީގެ ރަސްމީ މަސައްކަތެއްގެ ތެރެއިން ކުޅަ ފަރުވާކުޑަ ޢަމަލުތަކެއްގެ ނަތީޖާއެއްގެ ސަބަބުންކަން ޖިނާއީ މިންގަނޑުން ޝަރީއަތަށް ސާބިތުވެފައިވާތީ އެ އަމަލުގެ ސަބަބުން ޖިއާންގެ މައިންބަފައިންނަށް ލިބިފައިވާ ގެއްލުމުގެ މަދަނީ މަސްއޫލިއްޔަތު ވައިކޭރިއަސް ލައިބިލިޓީގެ ދަށުން، އެ އަމަލު ކުރިފަރާތްތައް ތަބާވާ އިދާރާގެ ހައިސިއްޔަތުން ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އުފުލަންޖެހޭކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށެވެ.
ހުކުމުގައި ބުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ ހޯދުމަށް އެދިފައިވާ 17,418,730.03 ރުފިޔާގެ ތެރެއިން ނަގާދެވޭނެ ގެއްލުމުގެ ބަދަލަކީ 4,557،040.86 ރުފިޔާކަމަށް ކަނޑައަޅައި ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެދޭ ކަމަށެވެ.
ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުގެ ޙުކުމުގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ އަދަދުގެ ތެރެއިން ބައެއް އަދަދު ނަގާދޭން ނުފެންނަކަމަށް ޝަރީއަތުން ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށް ފެންނާތީ، ހުކުމުގެ އެ ބައި ހައިކޯޓަށް އިސްތިއުނާފުކުރުމަށް މައިންބަފައިންގެ ފަރާތުން އެދޭނަމަ އެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށެވެ.
މި މައްސަލައިގައި 6 މީހަކަށް ދައުވާކުރިއިރު 5 މީހެއްގެ މައްޗަށް އެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.ޖިނާއީ ދައުވާ ސާބިތުވެފައިވަނީ އެ ކުންފުނީގެ ސުޕަވައިޒަރު މޫސާ ހަސަން އަދި އިންޑިއާގެ ހަތަރު މީހެކެވެ. ކުށް ސާބިތުވި މީހުންގެ ތެރެއިން ޖަލަށްލީ ދެ ބިދޭސީ އެކެވެ. ދެން ތިބި މީހުންގެ ތެރެއިން މޫސާ ހަސަންގެ މައްޗަށް 115،200 ރުފިޔާގެ ޖޫރިމަނާގެ އަދަބެއް އިއްވިއިރު، ދެ ބިދޭސީންނަށް އިއްވީ 7،200 ރުފިޔާގެ ޖޫރިމަނާގެ އަދަބެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް