ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އިސްލާމިކް މިނިސްޓްރީން އެއް އަހަރު ދުވަހަށް އިތުރުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކަކީ ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ ދަށުން 2 އަހަރު ދުވަހުގެ މުއްދަތަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ކަމަށެވެ. ނަމަވެސް ކޯވިޑްގެ ސަބަބުން 2020 ވަނަ އަހަރާއި، 2021 ވަނަ އަހަރުގެ މިހާ ހިސާބަށް، އެ ކުންފުނިތަކަށް ޢުމްރާ ދަތުރުތައް ރާވާ ހިންގުމަށް އެކަށީގެންވާ ފުރުޞަތެއް ލިބިފައި ނުވާކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ ދަށުން އެ މިނިސްޓްރީއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން، ޢުމްރާއަށް މީހުން ގެންދިއުމަށް މިހާރު ހުއްދަ ދީފައިވާ ހުރިހާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އެއް އަހަރުދުވަހަށް އިތުރު ކޮށްދީފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
މިއުސޫލުގެ ދަށުން ޢުމްރާއަށް މީހުން ގެންދިއުމުގެ މުއްދަތު އިތުރުކޮށްދީފައިވަނީ 37 ކުންފުންޏަކަށެވެ.
ސައުދީ ސަރުކާރުން ވަނީ އޮގަސްޓްމަހުގެ 10 ވަނަދުވަހުން ފެށިގެން އުމްރާގެ އަޅުކަމަށް ސައުދީއަށް އެތެރެވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ސައުދީ ސަރުކާރުން ބުނީ މުހައްރަމު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 9 ޤައުމަކުން ފިޔަވާ ހުރިހާ ޤައުމަކުން އުމްރާއަށް މީހުން ގޮވައިގެން ސީދާ ދަތުރުތައް އެޤައުމަށް ކުރެވޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް