ބާކީ 29 ދުވަސް، މިދަނީ ގުނަމުން: އިންޒާރު ދިން މީހުން

ޑިމާންޑް ކޮށްފައިވާ ތިން ޝަރުތެއް ފުރިހަމަ ނުކޮށްފިނަމަ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށާއި އެމަނިކުފާނުގެ ނައިބުރައީސް އަހުމަދު އަދީބުގެ ފުރާނަފުޅަށާއި ރާއްޖޭގެ އިގްތިސޯދަށް ވަރ...

01 Sep 2015 | 06:09

ޑިމާންޑް ކޮށްފައިވާ ތިން ޝަރުތެއް ފުރިހަމަ ނުކޮށްފިނަމަ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށާއި އެމަނިކުފާނުގެ ނައިބުރައީސް އަހުމަދު އަދީބުގެ ފުރާނަފުޅަށާއި ރާއްޖޭގެ އިގްތިސޯދަށް ވަރުގަދަ ހަމަލާތަކެއް ދޭނޭ ކަމަށްބުނެ ޔޫޓިއުބުގައި ވީޑީއޯ އާންމު ކުރި ފަރާތުން، ދެން ބާކީ އޮތީ 29 ދުވަސް ކަމަށާއި މިދަނީ ދުވަސް ގުނަމުން ކަމަށް ބުނެފި އެވެ.

މިހެން ބުނެފައިވަނީ ސްލޭވަރީ ސްލޭވްގެ ނަމުގައި ހުޅުވާފައިވާ ޓްވިޓާ އެކައުންޓުންނެވެ. ޔޫޓިއުބުގައި އިއްޔެ އާންމުކުރި ވީޑިއޯ ރާއްޖޭގެ މީޑިއާތަކާއި ހިއްސާ ކޮށްފައިވަނީ މި ޓްވިޓާ އެކައުންޓުންނެވެ.

ބާކީ އޮތީ 29 ދުވަސް ކަމަށް ބުނެފައިވާއިރު ޔޫޓިއުބުގައި އާންމުކޮށްފައިވާ ވީޑިއޯ އާންމު މިންގަނޑުތަކަށް ނުފެތޭތީ ޔޫޓިއުބުން ވަނީ ނަގާފަ އެވެ. އަދި އެ ވީޑިއޯގައި ބޭނުންކޮށްފައި ވަނީ ރާއްޖޭގައި މަޝްހޫރު "ޕީޕީއެމް އިންގްލިޝް" ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ވާހަކަ ދައްކަން ފަށާފަ އެވެ.

އެ ވީޑިއޯގައި ސަރުކާރަށް ކޮށްފައިވާ ޝަރުތުތައް

  • ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ސަރުކާރުގައި އެޑްވައިޒަރު ކަން ކުރެއްވި އިބުރާހިމް ލުތުފީ (ސަންދާނު ލުތުފީ) އަށް ކުރަމުންދާ ގޯނާތައް މިހާރުން މިހާރަށް ހުއްޓާލުމަށާއި އަދި އޭނާ ރާއްޖެ ގެނައުމަށް ކުރަމުންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލާ އޭނާގެ ކަންތައް ދޫކޮށްލުމަށް.
  • އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ ހައްޔަރުކޮށްގެން ޖަލުގައި ގެންގުޅެނީ އެއްވެސް ކުށެއް ނެތި ކަމަށާއި އިމްރާންއަށް މިހާރު ކުރަމުން އަންނަ އަނިޔާތައް ހުއްޓާލުމަށް، އަދި ޝެއިހް އިމްރާން ވަގުތުން ވަގުތަށް ދޫކޮށްލުމަށް.
  • ޓެރަރިޒަމްގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމާއި، “އަޙުންނާއި އުޙްތުންނަށް” ގޯނާ ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތައް ވެސް ހުއްޓާލުމަށް.

މި ތިން ޝަރުތު 30 ދުވަސް ތެރޭގައި ފުރިހަމަ ނުކޮށްފި ނަމަ ރާއްޖޭގެ އިގްތިސާދަށް ވަރުގަދަވެގެންވާ ހަމަލާއެއް ދޭނެ ކަމަށާއި އެގޮތުން ދިވެހި ސަރުކާރާއި ރައްޔިތުން ބަރޯސާވެގެން ތިބި ރިސޯޓުތައް ފުނޑު ފުނޑުކޮށްލާ ރިސޯޓުތައް އަޑިއަށް ދުއްވާލާ ވަރުގެ ހަމަލާތަކަށް ގޮއްވުންތަކެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފައި ވެ އެވެ. އަދި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގަން ޖެހޭނީ ރައީސް އާއި ނައިބު ރައީސް ކަމަށްވެސް އެ ވީޑިއޯގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް