ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، އެމަނިކުފާނުގެ ނައިބު ރައީސް އަހުމަދު އަދީބުއަށް އިންޒާރުދީ ބަޔަކު ޔޫޓިއުބްގައި އާންމުކުރި ވީޑިއޯ ޔޫޓިއުބުން ނަގައިފި އެވެ.
އެ ވީޑިއޯގެ ލިންކަށް ދިއުމުން މިހާރު ފެންނަ މެސެޖްގައި ބުނެފައިވަނީ ޔޫޓިއުބްގެ މިންގަނޑުތަކާއި ހިލާފުވުމުން ވީޑީއޯ ޑިލީޓް ކުރެވިފައި ވާކަށެވެ.
ޔޫޓިއުބްގެ އާންމު އުސޫލެއްގެ ގޮތުން ހަނގާ ކުރުމާއި، ރުޅިވެރިކަމާއި ފަސާދަ ފެތުރުމާއި، ބިރުދެއްކުމާއި އިންޒާރުދިނުމާއި ހަމަނުޖެހުން ބޮޑު ކޮންޓެންޓްތައް ދައްކުވައިދޭ ވީޑިއޯތައް ބަޔަކު ޝަކުވާ ކުރާމަނަ އެ ވީޑީއޯއެއް ރިވިއު ކުރުމަށްފަހު އެ ވީޑީއޯއެއް ޔޫޓިއުބުން ނަގަ އެވެ.
އިއްޔެ ޔޫޓިއުބްގައި އާންމުކުރި އެ ވީޑިއޯގައި ހަތިޔާރާއެކު މޫނު ނިވާކޮށްގެން ތިންމީހަކު ތިބެ ރައީސުލްޖުމްހޫރިއްޔާއަށާއި އެ މަނިކުފާނުގެ ނައިބަށް އިންޒާރު ދީފައިވަނީ އިއްޔެއިން ފެށިގެން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ތިން ކަމެއް ކުރުމަށް ސަރުތު ކޮށްފަ އެވެ.
އެ ވީޑިއޯގައި ސަރުކާރަށް ކޮށްފައިވާ ޝަރުތުތައް
- ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ސަރުކާރުގައި އެޑްވައިޒަރު ކަން ކުރެއްވި އިބުރާހިމް ލުތުފީ (ސަންދާނު ލުތުފީ) އަށް ކުރަމުންދާ ގޯނާތައް މިހާރުން މިހާރަށް ހުއްޓާލުމަށާއި އަދި އޭނާ ރާއްޖެ ގެނައުމަށް ކުރަމުންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލާ އޭނާގެ ކަންތައް ދޫކޮށްލުމަށް.
- އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ ހައްޔަރުކޮށްގެން ޖަލުގައި ގެންގުޅެނީ އެއްވެސް ކުށެއް ނެތި ކަމަށާއި އިމްރާންއަށް މިހާރު ކުރަމުން އަންނަ އަނިޔާތައް ހުއްޓާލުމަށް، އަދި ޝެއިހް އިމްރާން ވަގުތުން ވަގުތަށް ދޫކޮށްލުމަށް.
- ޓެރަރިޒަމްގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމާއި، “އަޙުންނާއި އުޙްތުންނަށް” ގޯނާ ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތައް ވެސް ހުއްޓާލުމަށް.
މި ތިން ޝަރުތު 30 ދުވަސް ތެރޭގައި ފުރިހަމަ ނުކޮށްފި ނަމަ ރާއްޖޭގެ އިގްތިސާދަށް ވަރުގަދަވެގެންވާ ހަމަލާއެއް ދޭނެ ކަމަށާއި އެގޮތުން ދިވެހި ސަރުކާރާއި ރައްޔިތުން ބަރޯސާވެގެން ތިބި ރިސޯޓުތައް ފުނޑު ފުނޑުކޮށްލާ ރިސޯޓުތައް އަޑިއަށް ދުއްވާލާ ވަރުގެ ހަމަލާތަކަށް ގޮއްވުންތަކެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފައި ވެ އެވެ. އަދި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގަން ޖެހޭނީ ރައީސް އާއި ނައިބު ރައީސް ކަމަށްވެސް އެ ވީޑިއޯގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް