ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު "މުރައިދޫގޭ" ގެ ހަރަދަށް އަންނަ އަހަރުގެ ބަޖެޓުން4.5 މިލިއަން ރުފިޔާ ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުށަހަޅައިފިއެވެ.
އިއްޔެ ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމަށް ބަޖެޓު ހުށަހަޅަމުން މަޖިލީހުގެ އިދާރާއިން ބުނީ، މިދިޔަ އަހަރުގެ ކުރީކޮޅު މަޖިލިސް ރައީސް ރަސްމީ ގެކޮޅަށް ހަރަދުކުރި ނަމަވެސް، އެންމެ ފަހުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، އެ ގެއަށް ދިރިއުޅުއްވުން ބަދަލުކުރައްވާފައިނުވާތީ މިދިޔަ އަހަރުގެ ފަހުކޮޅު އެ ގެކޮޅަށް އެއްވެސް ހަރަދެއް ކުރަން ޖެހިފައިނުވާ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުން މަޖިލީހުގެ ރައީސްގެ ގެކޮޅަށް4.5 މިލިއަން ރުފިޔާ ހުށަހަޅާފައިވަނީ އެގޭގެ މުވައްޒަފުންގެ ހަރަދުވެސް ހިމަނައިގެންނެވެ.
މުރައިދޫ ގެއަކީ2021 ވަނަ އަހަރު ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއަށްފަހު ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަމާ ގުޅިގެން މަޖިލީހުގެ ރައީސުން ދިރިއުޅުއްވުމަށް ދައުލަތުން ހާއްސަ ކޮށްފައިވާ ގެއެވެ.
ރައީސް ނަޝީދު މުރައިދޫ ގޭގައި ދިރިއުޅުއްވި ނަމަވެސް، ރައީސް ނަޝީދުއަށް ފަހު މަޖިލީހުގެ ރައީސްކަން ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެ ގެއަށް ވަޑައެއްނުގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް