އެވަރުގެ އަދަދުތަކެއް ޖަމާކުރެވުނީ މުސާރަ ޖަމާކުރުމުގެ ތެރޭގައި އިންސާނީ ކުށަކުން، ސިސްޓަމްތަކުގެ ރައްކާތެރިކަމުގެ ޔަޤީންކަން އަރުވަން: ބީއެމްއެލް

ބިލިޔަން ރުފިޔާ އަދި ޑޮލަރުގެ އަދަދުތަކުން ބައެއް އެކައުންޓްތަކަށް ޖަމާކުރެވުނީ ބައެއް ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ޖަމާކުރުމުގެ ތެރޭގައި އިންސާނީ ކުށެއްގެ ސަބަބުން ކަމަށް ބޭންކް އޮފް މޯލްޑިވް...

01 Aug 2024 | 12:55

ބިލިޔަން ރުފިޔާ އަދި ޑޮލަރުގެ އަދަދުތަކުން ބައެއް އެކައުންޓްތަކަށް ޖަމާކުރެވުނީ ބައެއް ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ޖަމާކުރުމުގެ ތެރޭގައި އިންސާނީ ކުށެއްގެ ސަބަބުން ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

އެގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން ބޭންކް އޮފް މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ މަރިޔަމް ނުޒްހަތު ދެންމެ ވިދާޅުވީ އެކަން އެގޮތަށް ހިންގަން މެދުވެރިވީ އިންސާނީ ކުށެއް (Human Error) އެއްގެ ސަބުން ކަމަށާއި އެގޮތަށް ޖަމާވި އެކައުންޓްތައް މިހާރު ދެނެގަނެވި އަދަދުތައް ރުޖޫއަ ކުރެވިފައިވާކަމަށެވެ.

"މިކަމުގެ ސަބަބުން އެއްވެސް ފައިސާއެއް ގެއްލުންފަދަ ކަމެއް ހިނގާފައެއްނުވޭ، މިހެން ދިމާވީ ޕޭރޯލް ޕްރޮސެސިންގައި ބަލްކް ޕޭމަންޓްސް ހެދުމުގައި މި ފަހުން ގެނެވުނު ބަދަލެއްގެ ސަބަބުން، ބޭންކްގެ ސިސްޓަމްތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ ޔަޤީން ކަށަވަރުކަން ކަސްޓަމަރުންނަށް އަރުވަން" ބީއެމްއެލްއިން ބުންޏެވެ.

ބޭންކުން އިތުރަށް ބުނީ މިކަމާއި ގުޅިގެން ޚިދުމަތް ހޯއްދެވުމުގައި ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ބޭންކުން މަޢާފަށް އެދޭ ކަމަށެވެ.

މިއަދު ގިނަ ވަވުތުތަކަކަށް ބޭންކް އޮފް މޯލްޑިވްސްގެ ބައެއް ޚިދުމަތްތައް މެދުކެނޑުނު އިރު ރޭގެ ވަގުތެއްގައި ބައެއް ކުންފުނިތަކުގެ ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާކުރިއިރު އެ މުވައްޒަފުންގެ އެކައުންޓް ނަމްބަރާއި އެއްވަރުގެ އަދަދުތަކެއް ޑޮލަރު އަދި ރުފިޔާއިން ބައެއް އެކައުންޓް ތަކަށް ޖަމާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް