"ކިހިނެތްވީ އަނެއްކާ މާފާޑަކަށް ތިހެން ތިބުނީ...؟" ރާއިފު އާ ދިމާއަށް ބަލާލަމުން އައިލީން ސުވާލު ކޮށްލިއެވެ.
"މިތާނގައި ޕްރައިވެޓް ޕޫލެއް ނޯވެޔޭ... ޕްރައިވެޓް ޕޫލެއް އޮތްނަމައެއްނު އަހަރުމެން ދެމީހުން އެކުގައި....." ރާއިފު ވާހަކަ މެދުކަނޑާލީ އައިލީން އެވެ.
"ސާބަސް...! ކޮންމެ ކަމެއްގައިވެސް ސަމާސާ...! ކުޑަކުދިން އުޅޭގޮތަށް އަދިވެސް ތިއުޅެނީ...! ރާއިފުގެ ކޮނޑުގައި ޖަހާލަމުން އައިލީން ބުނެލިއެވެ.
ރާއިފު އާއި އައިލީން ހޮޓަލަށް ވަނުމާއެކު ރިޝެޕްޝަނުން މީހަކު އައިސް އެމީހުން ގެނައި ދަބަހާ ޙަވާލުވެއްޖެއެވެ. ރާއިފު ދިޔައީ ކައުންޓަރ ކައިރިއަށެވެ. ރާއިފުއާއެކު އައިލީންވެސް ދިޔައެވެ.
"އައްސަލާމް ޢަލައިކުމް....! އަޅުގަނޑަށް ކިޔަނީ ރާއިފު ޝައުކަތު...! މިކޮޅުން ރޫމެއް ބުކްކޮށްފައި ހުންނާނެ...." ރާއިފު ހޮޓަލުގެ ބުކިން ރިސިޕްޓް، ކައުންޓަރުގައި އިން މީހާއަށް ދައްކާލަމުން ބުނެލިއެވެ.
އެމީހާ ބުކިން ރިސިޕްޓް ބަލާލުމަށްފަހު ކޮމްޕިއުޓަރަށް ނަން އެންޓަރ ކޮށްލާފައިވާ އެމީހުންނަށް ހަމަޖެހިފައިވާ ކޮޓަރީގެ ތަޅުދަނޑު ދިއްކޮށްލިއެވެ.
"ރޫމް ނަންބަރު 302 ހަމަޖައްސާފައި ހުންނާނީ...! ތާރޑް ފްލޯއިން ކަނާތް ފަރާތަށްދާއިރު އެރޫމް ހުންނާނީ....! ރޫމަށް ދިޔުމުގެ ކުރިން ބޭނުމިއްޔާ ރެސްޓޯރަންޓުން ޑްރިންކެއް ލިބޭނެ...! މިކޮޅުން ބޭގް ރޫމަށް ފޮނުވާލާނަން...." ކައުންޓަރގައި އިންމީހާ ބުނެލިއެވެ.
ރާއިފު އާއި އައިލީން ދިޔައީ ރެސްޓޯރަންޓް ބަޔަށެވެ. ގޮސް މޭޒުދޮށުގައި އިށީނުމާއެކު ވެއިޓަރ އައިސް ދެމީހުންނަށް ދެ ޑްރިންކް މޭޒުމަތީގައި ބަހެއްޓިއެވެ.
"މިރަށް މިގަޑީގައި ވަރަށް ހިތްފަސޭހަ ދޯ....! މަށަށް ފެންނަނީ ރޫމަށްގޮސް ރެޑީވެލައިގެން ހިނގާލަން ނުކުންނަށް....!" ޑްރިންކް ބޯލަމުން އައިލީން ބުނެލިއެވެ.
"މިތަންވެސް ވަރަށް ސަޅިދޯ...؟ ރާއިފު، ރާއިފުގެ ލޯބިވާ އަނބިމީހާ ކަޑަތާކަށް ގެންނާނެތަ...؟ އޭ..! ކޮންކަމަކާ އަނެއްކާ ކުއްލިއަކަށް މޫޑް ސަކަރާތްވީ...؟ ގޯސްއެއްޗެއްތަ އަނެއްކާ މަށަށް މިބުނެވުނީ...؟" ހިތްހަމަ ނުޖެހިފައި އިންގޮތަކަށް އައިލީން އެއްފަރާތަކަށް ބަލަން އިނުމާއެކު ރާއިފު ސުވާލު ކުރިއެވެ.
"ބަލާބަލަ އެހެރަ މީހާގަނޑެއް.... ކައުންޓަރުގައި އިންމީހާގަނޑު މިތަނަށް ވަދެ އެހެރީ ފާޑަކަށް އަހަންނާ ދިމާއަށް ބަލަން....! އަދި ބަލަންހުރި ވައްތަރެއް...!" ކައުންޓަރުގެ ހުރިހާ މީހާ އައިލީން އަށް ބަލަންހުރި ގޮތުން ހިތްހަމަނުޖެހިފައި އައިލީން ބުނެލިއެވެ.
ރާއިފު އެދިމާއަށް ބަލާލިއެވެ. އެމީހާ ހުރީ ނިޔަތްނުބައި ފާޑަކަށް އައިލީންއާއި ދިމާއަށް ބަލާށެވެ. ރާއިފު އެމީހާއި ދިމާއަށް ބަލާލުމާއެކު އެމީހާ ރާއިފުމެން ތިބި މޭޒު ކައިރިއަށް އަތުވެއްޖެއެވެ.
"ކޮބާ، ރޫމް ރެޑީތަ...؟ ދާންވީތަ...؟"އެމީހާ އައިސް ހުޓުމުން ރާއިފު ސުވާލު ކުރިއެވެ.
"އާނ.. ރޫމް ރެޑީވެފަ މިހާރު ހުރީ.... އަންހެނުންތަ މީ....؟" ކުއްލިއަކަށް އެމީހާ ރާއިފުއާ ސުވާލު ކުރިއެވެ.
"އާނ...! މިއީ އަންހެނުން...! އަނެއްކާ އަންހެނުން ގޮވައިގެން މިތަނަށް އައުން މަނަލީތަ...؟" އެމީހާ އައިލީން އާ ދިމާއަށް ބަލަންހުރި ގޮތުން ހިތްހަމަ ނުޖެހިފައި ރާއިފު ބުނެލިއެވެ.
"ނޫނޭ...! ހަމަ އަހާލީ...! ތިންދުވަސް ވަންދެންތަ މިކޮޅުގަ މަޑުކުރަނީ....؟" އަނެއްކާވެސް އެމީހާ އަނެއް ސުވާލުކުރިއެވެ.
"އާނ...! އަދި އެހެން އޮތީ...! އެކަމަކު ފޫހިވެއްޖިއްޔާ ހަމަފުރަންވީ ދޯ...." އެމީހާގެ ސުވާލަށް ޖަވާބު ދެމުން އައިލިން އާއި ދިމާއަށް ބަލާލުމަށްފަހު ރާއިފު ބުނެލިއެވެ.
ރާއިފު އާއި އައިލީން ގޮސް ސިޑިން މައްޗަށް އަރަންދެން އެމީހާ އައިލީން އާ ދިމާއަށް ދަހިވެތި ނަޒަރަކުން ބަލަހައްޓައިގެން ހުއްޓެވެ.
އައިލީން އާއި ރާއިފު އައި ރަށަކީ މިފްޒާލްގެ ވަރަށް ގިނަ ރައްޓެހިން އުޅޭ ރަށަކަށްވާތީ، މިފްޒާލް ލޯންޗުން ފައިބައިގެން އެއްގަމަށް ގޮސް ގުޅީ އެރަށުގައި ދިރިއުޅޭ މިފްޒާލްގެ ރައްޓެއްސަކަށެވެ. އޭނައަށް ގުޅައިގެން އައިލީން މެން ދަނީ އެރަށުގެ ކޮން ހޮޓަލަކަށްތޯ އާއި އިތުރު ވަރަށް ގިނަ ކަންކަން ސާފުކުރުމަށްފަހު އެދުވަހު ދެން ފުރި ފެރީއިން މިފްޒާލްވެސް އެރަށަށް އައެވެ. މިފްޒާލް އެރަށަށް އައިސް އެންމެ ފުރަތަމަވެސް ކުރި މަސައްކަތަކީ އޭނާގެ ރަޙްމަތްތެރިޔާ މެދުވެރިކޮށް އައިލީންމެން ތިބޭ ހޮޓަލުގެ މީހަކު މެދުވެރިކޮށް އައިލީން މެންނަށް ފާރަލުމާއި އެމީހުން އުޅޭ ނޫޅޭގޮތް ބެލުމެވެ. މިފްޒާލް މިފަހަރުވަނީ ދޭތިން އެކައްޗަށް ހިފާލާފައެވެ. މިފްޒާލް އެރަށަށް އައިގޮތަށް އައިސް އައިލީންމެން ތިބޭ ހޮޓަލުގައި މަސައްކަތްކުރާ ރަޝީދު އާ ބައްދަލު ކުރިއެވެ. ރަޝީދު އަކީ އެހޮޓަލުގައި މަސައްކަތްކުރާ ވަރަށް ގިނަ ދުވަސްވެފައިވާ ތަޖުރިބާކާރު މީހެކެވެ. އަދި އޭނާއަކީ ފަންޑިތަ ހެދުމަށްވެސް އެހާމެ މޮޅު މީހެކެވެ. ލާރިއަށް ކޮންމެ ކަމެއްވެސް ކޮށްފާނެ މީހެކެވެ.
"މިހާރު އެމީހުންވީ ރޫމްގައި...! ފައިސާ ދެންޏާ ބުނިގޮތަށް ހުރިހާ ކަމެއްވެސް ކުރެވޭތޯ އަހަރެން ބަލާނަން...!" ރަޝީދު ވާހަކަ ދައްކަމުން ގެންދިޔައީ މިފްޒާލް އާއެވެ.
"ކުރެވޭތޯ ބަލާނީކީނޫން...! ކުރަންވީ...! ކަލެއަށް ބޭނުންވަރަކަށް އަހަރެން ފައިސާ ދޭނަން...! މިރަށުން އަނބުރާ ގެންދެވެންވާނީ ރާއިފުގެ ފުރާނަނެތް މަސްގަނޑު...! އޭނަ ދިރިހުރެ ދީގެންނުވާނެ...! ކަލެއަކީ ފަންޑިތަ ހަދައިގެން އެކަހަލަ ކަންކަން ވަރަށް ފުރިހަމައަށް ކުރާމީހެއްކަމަށް އަހަންނަށް އަޑު އިވިފައި އޮތީ...! އޭނާ މިދުނިޔޭގައި ހުއްޓާ އައިލީން އަހަންނަކަށް ނުލިބޭނެ..! އެހެންވީމަ ކަލޭވާނެ ކޮންމެ ގޮތެއް ހަދާފަވެސް މިކަން ކުރަން...!" މީގެކުރިން މީހަކު ލައްވާ މިފްޒާލް ކުރަމުން ގެންދިޔަ މަސައްކަތަކުން މިފްޒާލް ބޭނުންވާ ކަހަލަ ކާމިޔާބެއް ލިބެމުން ނުދާތީ މިފަހަރު މިފްޒާލް ގަސްދުކުރީ ސީދާ ރާއިފު މަރާލުމަށެވެ.
މީހަކު މަރާލުމަކީ ކިހާވަރެއްގެ ފާފައެއްކަންވެސް މިފްޒާލްއަށް އެނެގެއެވެ. އެހެން ނަމަވެސް އެއަށްވުރެ މާބޮޑަށް އޭނާވަނި އައިލީންގެ ލޯބީގައި ދީވާނާވެފައެވެ.
"އެންމެ ރަނގަޅު...! މިއަދުން ގެށިގެން އަހަރެން މަސައްކަތް ފަށާނަން...!" ރަޝީދު ދާން ތެދުވަމުން ބުނެލިއެވެ.
"ތިން ދުވަސް މިއޮތީ...! ކަލެއަށް އަނެއްކާ އެދެމީހުން މިހާރު ފާހަގަ ވެއްޖެތަ....؟" މިފްޒާލް ސުވާލު ކުރިއެވެ.
"އާނ...! އަހަރެން ޑިއުޓީގައި އިންދަ އެމީހުން ހޮޓަލަށް ޗެކިންވީ....! އަހަރެން އެމީހުންގެ ހޮޓަލުގެ އެކޮމަޑޭޝަން ކަންކަންވެސް ހަމަޖެއްސީ...! ދެން މިހިސާބުން ކަންކަން މަށަށް ދޫކޮށްލާ...! ފައިސާ ލިބެންޏާ ހުރިހާ ކަމެއްވެސް ބޭނުންވާ ގޮތަށް ހަމަޖައްސައި ދޭނަން...!" ރަޝީދު ނުކުންނަމުން ބުނެލިއެވެ.
އައިލީން އާއި ރާއިފު ސިޑިން މައްޗަށް އަރައިގެން ދިޔައީ އެމިހުންގެ ރޫމަށެވެ.
"ކޮންކަހަލަ މީހެއްތަ އެއީ....؟ ބަލަންހުރި ވައްތަރެއް.... އަދި އަހައިފިއެއްނު އަންހެނުންހޭ.... އޭނައަށް ކޮންކަމެއްތަ...؟ ހިތްހަމަ ނުޖެހިފައި އައިލިން ބުނެލިއެވެ.
"ސާބަސް..! އެއީ އެވަރު ކަމެއްތަ....؟ މާއަވަހަށް ރުޅިއަންނަންޏާ އަވަހަށް މުސްކުޅިވާނެ.... ރާއިފު ބޭނުންވަނީ ރާއިފުގެ ވައިފު އަބަދުވެސް ތިހެން ޒުވާންކޮށް ހުންނަން...." އައިލީންގެ ގައިގައި ބައްދާލަމުން ރާއިފު ބުނެލިއެވެ.
"ފުރަތަމަ ގޮސް ފްރެޝް ވެލައިގެން އާދޭ...! އޭރުން މަށަށްވެސް ފްރެޝް ވެލަން ދެވޭނީ...! އަވަހަށް ދޭ...!" ފާހާނާ އާ ދިމާއަށް ރާއިފު ކޮށްޕާލަމުން އައިލީން ސަމާސާ ރާގަކަށް ބުނެލިއެވެ.
"ދެމީހުން އެކީ ފްރެޝްވާން ޓޮއިލެޓަށް ހިނގާބަލަ...!" ރާއިފުވެސް އައިލީންގެ އަތުގައި ހިފާލުމަށްފަހު ސަމާސާ ރާގަކަށް ބުނެލިއެވެ.
ރޭގަނޑުގެ ވަގުތެވެ. ރާއިފު އާއި އައިލީން ތިބީ ވަރުބަލިވެފައި އެނދުމަތީގައެވެ.
"ހަށިގަނޑުގައި ކުރާނެ ކަމެއްނެތް...! ވަރަށް ބަނޑުހައިވެއްޖެދޯ....؟" މާނޭވާލަމުން ރާއިފު ބުނެލިއެވެ.
"އާނ....! އޭރު ޖޫސްތަށި ބޯލިގޮތަށް އެއްވެސް އެއްޗެއް ނުކައި މިތިބީ.... ރާއިފު މިކަން ނިންމާލާކަށް ނޫޅުނު ވިއްޔަ...! މިހާރު އެކެއް ޖަހަނީ އެހެރަ.... މިގަޑީގައި އެކަމަކު ހިޔެއްނުވެ މިތަނުން ކާއެއްޗެއް ލިބޭނެހެނެއް...." ގައިމަތީގައި އޮތް ފޮތިގަނޑު ރަނގަޅުކޮށްލަމުން އައިލީން ބުނެލިއެވެ.
"އެކަމަކު މިހާރު މިވަގުތަށް ހިތްފުރިއްޖެއޭ....! ދެން އޮތީ މިވަގުތަށް ބަނޑުފުރާނެ ގޮތެއް ހޯދުން...." އައިލީންގެ ނިތްކުރީގައި ބޮސްދެމުން ރާއިފު ބުނެލިއެވެ.
"އަދިވެސް ރާއިފު ތިބަލަން އޮންނަގޮތުން މަށަކަށް ހިޔެއްނުވެ ރާއިފުގެ ހިތްވެސް ފުރުނު ހެނެއް....! ރާއިފު އާ ދިމާއަށް އެނބުރިލަމުން އައިލީން ސަމާސާ ރާގަކަށް ބުނެލިއެވެ.
"ސުވާލެއް ކޮށްލަންތަ....؟" ކުއްލިއަކަށް ރާއިފު ސީރިއަސް ވެފައި ބުނެލިއެވެ.
"އައްދޭ...! އަނެއްކާ ކިހިނެތްވީ...؟ މިއީ ސުވާލު ކުރާގަޑިއެއްތަ...؟ ކޮށްބަލަ ތިކުރަންއުޅޭ ސުވާލެއް...!" އައިލީން އޮތީ ރާއިފު ކުރަން އުޅޭ ސުވާލެއް ނޭނގޭތީ ކަންބޮޑު ވެފައެވެ.
"ކުރިން އައިލީން ބުނީމެއްނު މިގޮތަށް އުފާކުރާއިރު އަހަންނަށް ކަންތައް ކުރެވޭ ގޮތުން އައިލީންއަކަށް އެއްވެސް އުފަލެއް ނުލިބެއޭ،..! މިހާރު ހީވޭތަ އެކަމަށް އެއްވެސް ބަދަލެއް އައިހެން....؟" ލާނެއް ފާޑަކަށް ހީނލާފައި ރާއިފު ސުވާލު ކޮށްލިއެވެ.
"އަހަރެން އެވާހަކަ ދެއްކީމަ މިހާރު ރާއިފު އެކަން ރަނގަޅުކޮށްފިޔޭ...! އަހަންނަށް އެވާހަކަތައް ދެއްކުނުލެއް މާލަހީ..! އެހެނޫންނަމަ....!" އައިލީން ބުނަން އުޅުނުވާހަކަ ހުއްޓުވާލީ ރާއިފެވެ.
"ދެން މިގަޑީގައި މާ ވާހަކަ ގިނަކުރާނެ ކަމެއްނެތް...! ތިރިއަށްދާންވީނު ކާއެއްޗެއް ލިބޭތޯ... ޔަޤީން މިގަޑީގައި އަހަރެން ދިޔަސް އެއްވެސް ކާއެއްޗެއް ނުލިބޭނެކަން.... އަންހެން ކުއްޖެއް ދިޔައިމަ އެތާގައި ހުންނަ މީހަކުވެސް ދޭހިތުން އެއްޗެއް ދޭނީވެސް...! ގަޔަށް އެއްޗެއް ލައިގެން ދޭބަލަ...." އައިލީންގެ އަތުގައި ހިފަލައިގެން އޮވެ ރާއިފު ބުނެލިއެވެ.
އައިލީން ފައިބައިގެން ތިރިއަށް ދިޔައިރު ތިރީގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މުޅިތަން އޮތީ އަނދިރިކޮށްލާފައެވެ. މީހަކު ފެންނަށް ނެތުމާއެކު އެނބުރި ދިޔުމަށްޓަކައި ސިޑިން މައްޗަށް އެރުމަށް އެނބުރިވަގުތު އަޅާގަތީ ކުރިމަތީގައިހުރި މީހެއްގެ ގައިގައެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 4 އޯގަސްޓް، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް