އެކްސިޑެންޓާ ގުޅުންހުރި ކާރުގައި ތިބި ތިން މީހުން ހައްޔަރުކޮށް ވަނަވަރު ހާމަކޮށްފި

މިއަދު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅުންހުރި ކާރުގައި ތިބި ތިން މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ. އެގޮތުން ފުލުހުން ދެންމެ ބުނެފައިވަނީ އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކޮށްފ...

31 Jul 2024 | 20:06

މިއަދު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅުންހުރި ކާރުގައި ތިބި ތިން މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

އެގޮތުން ފުލުހުން ދެންމެ ބުނެފައިވަނީ އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. މާލެ، ނޫރަންމާގެ އާގޭ އިކްރާމުއްރަހްމާން އާއި ކ. މާލޭ، މ. ލޭންޑް އޮފް ގާޑަން، އިބްރާހިމް އިކްރާމްގެ އިތުރުން ގއ. ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހް އިސްމާއިލް ކަމަށެވެ.

ތިން މީހުންގެ މަގްޝޮޓްވެސް ފުލުހުން މިރޭ އާއްމުކޮށްފައިވެއެވެ.

މިއަދު ވިނަރެސް ފްލެޓްތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓްވީ މަގުގެ އެއް ފަރާތެއްގައި ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހެއްގެ ގައިގާ ޖެހިގެންނެވެ. އެކްސިޑެންޓްވި ވަގުތު ސައިކަލުގައި އިން މީހާ މާ ދުރަކަށް ވިއްސައިގެން ދިޔަ މަންޒަރު ސީސީޓީވީ ފުޓޭޖުތަކުން ފެނެއެވެ.

ފަހުން ސޯޝަލް މީޑިއާގައި އާއްމުވި ބައެއް ވީޑިއޯތަކުން ފެންނަގޮތުގައި ކާރުގެ ޑްރައިވަރު ސީޓުން ފޭބީ ހުދު ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހެކެވެ. ކުރީ ޕަސިންޖަރ ޝީޓުން ފޭބީ ރީނދޫކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހެކެވެ. އެކްސިޑެންޓްވުމުން އެ ސަރަހައްދަށް އެއްވި އާންމުންގެ ތެރޭގައި އެ ދެމީހުންވެސް މަޑުކޮށްގެން ތިބުމަށްފަހު ޑްރައިވަރު ޝީޓުން ފޭބި މީހާ އެހެން މީހެއްގެ ސައިކަލު ފަހަތުގައި އެ ސަރަހައްދު ދޫކޮށް ދާތަން ފެނުނެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު މިހާރު ސްޓޭބަލް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މޫނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމުގެ މައުލޫމާތުވެސް ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް