މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ނަމުގައި ރިޔާސީ އިންތިހާބަށް ނުނިކުމެވޭ ހާލަތެއް އަތުވެއްޖެ ނަމަ، އަމިއްލަ ގޮތުން ވާދަ ކުރައްވަން އަހުމަދު ފާރިސް މައުމޫނު ސޮއި ހަމަ ކުރައްވައިފިއެވެ.
އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް އާދަމް “ދުވަސް”އަށް ވިދާޅުވީ ޕާޓީގެ އަދަދަށް މެމްބަރުން ދަފްތަރުގައި ނެތް މައްސަލަ ކޯޓުގައި މިވަގުތު ހިނގަމުން ދާތީ، ފާރިސްގެ ކެނޑިޑެންސީ އީސީން ބަލައިގަންނާނެކަން އަދި ޔަގީން ނުވާ ކަމަށެވެ.
ނަމަވެސް މި ހަފްތާ ތެރޭގައި އީސީއަށް ފޯމު ލާނެކަން ފާހަގަ ކުރައްވައި އަލީމް ވިދާޅުވީ، ޕާޓީގެ ގޮތުން ލާ ފޯމު ބަލައި ނުގަނެފި ނަމަ އަމިއްލަ ގޮތުން ފާރިސް ވާދަ ކުރައްވަން 1500 ފޯމު ހަމަކުރައްވާފައި ވާ ކަމަށެވެ.
އެމްއާރްއެމްގައި މިވަގުތު ތިބީ 2،892 މެންބަރުން ކަމަށް އީސީގެ ލިސްޓުގައިވެއެވެ.
އެކަމާ ގުޅިގެން އެމްއާރްއެމްގެ ރަޖިސްޓްރަރ އަދި އެންވަޔަރަންމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޝަހީދާ ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ބޭނުންވާއިރަށް ސައްހަ ނޫން މައުލޫމާތު މީޑިޔާތަކަށް ދީގެންވެސް ޕާޓީތަކުގެ އަގު ވައްޓާލެވޭ ކަމަށެވެ. އަދި މިއީ ޒިންމާދާރު މިނިވަން މުއައްސަސާގެ ދައުރުތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް