ޓްރިވެންޑްރަމް ހިމެނޭ ގޮތަށް ހަތަރު ގައުމެއްގައި ވޯޓުފޮށި ބަހައްޓަނީ

ދިވެހިން އެންމެ ގިނައިން ބޭސްފަރުވާއަށް ދާ އިންޑިޔާގެ ޓްރިވެންޑްރަމް ހިމެނޭ ގޮތަށް ހަތަރު ގައުމެއްގައި ވޯޓުފޮށި ބެހެއްޓޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަ...

01 Aug 2023 | 17:31

ދިވެހިން އެންމެ ގިނައިން ބޭސްފަރުވާއަށް ދާ އިންޑިޔާގެ ޓްރިވެންޑްރަމް ހިމެނޭ ގޮތަށް ހަތަރު ގައުމެއްގައި ވޯޓުފޮށި ބެހެއްޓޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ރާއްޖޭން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރުވެފައިވާ، މެލޭޝިޔާ އާއި އިނގިރޭސި ވިލާތުގެ އިތުރުން، އިންޑިޔާގެ ޓްރިވެންޑްރަމާއި، ސްރީލަންކާގެ ކޮލަމްބޯގައި ކަމަށެވެ.

އެއީ ވޯޓުލުމަށް ބޭނުންވާ އަދަދަށް މީހުން ރަޖިސްޓަރީ ވީ އެ ގައުމުތަކުގައި ކަމަށް ވާތީއެވެ.

ސިންގަޕޫރު، ތައިލޭންޑް، އަބޫދާބީ އަދި ޖަޕާނުގައި ވޯޓުފޮށި ބެހެއްޓޭވަރަށް ވޯޓުލާ މީހުން އަދި ރަޖިސްޓަރީ ނުވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރުމުގެ ސުންގަޑިމާދަމާ ހަމަވާނެ އެވެ. އެހެންކަމުން ވީހާ ވެސް އަވަހަކަށް ރީ-ރަޖިސްޓްރީ ކުރުމަށް ހަބީބް ވަނީ ހަނދާންކޮށްދެއްވާފައެވެ.

“ވީހާ ވެސް އަވަހަކަށް ރީ-ރަޖިސްޓްރީ ކުރައްވައި ނިންމެވުމަކީ ވަރަށް މުހިންމުކަމެއް. އަދި މިހާރު ރީ- ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު އީސީގެ ވެބްސައިޓުގައި ހާމަކުރުމުގެ އިތުރުން ސިޔާސީ ޕާޓީތަކާ ވެސް ޙިއްސާ ކުރެވެމުން އެބަގެންދެވޭ. އެންމެފަހު ވަގުތަށް ނުތިއްބަވާ!” ހަބީބު ވިދާޅުވިއެވެ.

އަށް ގައުމެއްގައި ރިޔާސީ އިންތިހާބުގެ ވޯޓުފޮށި ބަހައްޓަން އީސީއިން ވަނީ ނިންމާފައެވެ.

ހަބީބް ވިދާޅުވީ، މިފަހަރުގެ އިންތިހާބުގައި ޖުމުލަ604 ވޯޓުފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ރީ-ރަޖިސްޓްރޭޝަންއާ ގުޅިގެން މި އަދަދަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެއްސީ އިންޑިޔާ، ސިންގަޕޫރް، ތައިލޭންޑް، ސްރީލަންކާ، އަބޫދާބީ، މެލޭޝިއާ، އިނގިރޭސިވިލާތް އަދި ޖަޕާނުގައެވެ. އޭގެ ތެރެއިން ވޯޓު ފޮށި ބަހައްޓާނީ ރީ ރެޖިސްޓްރީ ޥާ އަދަދަށް ބަލާފައެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.  ދެ ވަނަ ބުރު ބާއްވަން ޖެހިއްޖެ ނަމަ އޮންނާނީ އެ މަހުގެ 30 ވަނަ ދުވަހު އެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 282،755 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ހިމެނެނީ 144،408 ފިރިހެނުންނާއި 138،347 އަންހެނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް