ޔާމީނުގެ ކެނޑިޑެންސީ ބަލައިނުގަތް މައްސަލަ ކޯޓަށް ހުށަހަޅަނީ

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެނޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ސުޕްރިމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ޕީޕީއެމްއިން ފަށައިފިއެވެ. ޕީޕީއެ...

01 Aug 2023 | 11:12

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެނޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ސުޕްރިމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ޕީޕީއެމްއިން ފަށައިފިއެވެ.

ޕީޕީއެމްއިން ބުނީ، ޔާމީންގެ ފަރާތްޕުޅުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ހުށަހެޅުއްވުން ޤަބޫލުނުކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުމަކީ ޞައްޙަ ނިންމުމެއް ކަމަށް އެކޯލިޝަން ނުދެކޭ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަންގެ ނިންމުން ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންގެ ޓީމުން ކުރިއަށް ގެންދަވާ ވާހަކަ ދެންނެވިން" ޕީޕީއެމްއިން ބުންޏެވެ.

އަދި ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާޠިލުކޮށް، ރައީސް ޔާމީންގެ ކެންޑިޑަސީގެ ޞައްޙަކަން ކަށަވަރުވެގެން ދާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ޕީޕީއެމްއިން ބުންޏެވެ.

ޔާމީންގެ ކެނޑިޑެންސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިއަދު ހެނދުނުއެވެ.

އެކަމަށްޓަކައި މިއަދު އީސީގެ އިންތިހާބީ މަރުކަޒަށް ޕީޕީއެމްގެ ލީޑަރޝީޕްގެ ގިނަ އަދަދެއްގެ މެމްބަރުންނާއެކު ވަޑައިގަންނަވާ، ފޯމު ހުށަހަޅައިދިނީ ޔާމީނުގެ އިންތިހާބީ އެޖެންޓް، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްއަށް މުހައްމަދު ތޮލާލްއެވެ. އަދި އީސީގެ ފަރާތުން ފޯމާ ހަވާލުވީ އީސީގެ ރައީސް ފުއާދު ތައުފީގެވެ.

ފޯމު ބަލާ ޗެކްކުރުމަށްފަހު އީސީއިން ވަނީ ކެނޑިޑެންސީ ގަބޫލު ނުކުރާ ކަމުގެ ލިޔުން ޕީޕީއެމްއަށް ފޮނުވާފައެވެ.

އެ ލިޔުމުގައި ވާގޮތުން، ގާނޫނު އަސާސީއާއި އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނު އަދި ރިޔާސީ އިންތިހާބުގެ ގާނޫނުގައި ވާ ގޮތުގެ މަތިން، ޖިނާއީ ކުށެއް ސާބިތުގެ 12 މަސް ދުވަހަށްވުރެ އިތުރު ވާނަމަ އިންތިހާބަށް ކުރިމަތިލެވޭ ޝަރުތެއް އުނިވާނެއެވެ. ޖިނާއީ ކުށެއް ސާބިތުވެ ޔާމީނު ވަނީ11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިފައެވެ. އެހެންކަމުން އިންތިހާބަށް ޔާމީނުގެ ޝަރުތު ހަމަ ނުވަނީއެވެ.

އިންތިހާބަށް ތައްޔާރުވުމަށް ޕީޕީއެމްއިން ވަނީ ރަނިންމޭޓަކުވެސް ކަނޑައަޅާފައެވެ. އަދި ޕީޕީއެމްގެ ކޯލިޝަން ޕާޓީ ޕީއެންސީއިން ކެނޑިޑޭޓަކު ނެރުމަށްވެސް ދަނީ މަޝްވަރާ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް