ދެވަނަ ކުއާޓާގައި ފުލުހުން 10 ހާސް ވެހިކަލްގައި ސްޓިކާ ޖަހައިފި

މި އަހަރުގެ ދެވަނަ ކުއާޓާގައި ފުލުހުން 10 ހާސް ވެހިކަލްގައި ސްޓިކާ ޖަހާފައި ވާކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ. މަގުމަތީގެ ހާދިސާތަކާ ބެހޭ ތަފާސްހިސާބުން ދައްކާ ގޮތުގައި ދެވަނަ ކުއާޓާގައި ފުލުހުން...

01 Aug 2023 | 10:21

މި އަހަރުގެ ދެވަނަ ކުއާޓާގައި ފުލުހުން 10 ހާސް ވެހިކަލްގައި ސްޓިކާ ޖަހާފައި ވާކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

މަގުމަތީގެ ހާދިސާތަކާ ބެހޭ ތަފާސްހިސާބުން ދައްކާ ގޮތުގައި ދެވަނަ ކުއާޓާގައި ފުލުހުން ވަނީ 10751 ވެހިކަލްގައި ސްޓިކާ ޖަހާފައެވެ. އޭގެ ތެރޭގައި ހިމެނެނީ5588 ސައިކަލާއި3817 ކާރާއި634 ޕިކަޕް އަދި95 ޖީޕްގެ އިތުރުން އެހެނިހެން138 ވެހިކަލްއެވެ.

ނުބައިކޮށް ޕާކް ކުރުމާ ގުޅިގެން ފުލުހުން ވަނީ146 ސައިކަލު ޓޯ ކޮށްފައެވެ. އޭގެއިތުރުން 49 ކާރާއި23 ބައިސިލަކް ވެސް ނުބައިކޮށް ޕާކު ކުރުމުގެ ސަބަބުން ފުލުހުން ޓޯ ކޮށްފައިވެއެވެ.

މަގުމަތީގެ ހާދިސާތަކުގެ524 މައްސަލަ ފުލުހުން ވަނީ ދެވަނަ ކުއާޓާގައި ތަހުގީގު ކޮށްފައެވެ. އެ ހާދިސާ ތަކުގައި ފަސް މީހުން މަރުވެ،48 މީހުން ވަނީ ޒަޚަމް ވެފައެވެ.

މަގުމަގީގެ އެކްސިޑެންޓްތައް އެންމެ ގިނައީ މާލޭގައެވެ. އެގޮތުން މާލޭގައި އެކަނިވެސް މަގުމަތީގެ498 ހާދިސާ ހިނގާފައި ވެއެވެ. މިފަދަ ހާދިސާތަކުގައި އެންމެ ގިނައިން އެކްސިޑެންޓް ވެފައި ވަނީ ހަތަރު ފުރޮޅުލީ އުޅަނދާއި ސައިކަލެވެ.

ޓްރެފިކްގެ ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާ މީހުންގެ ތެރެއިން، ލައިސަންސް ނެތި ސައިކަލު ދުއްވި1287 މައްސަލައެއް ފުލުހުން ފާހަގަ ކޮށްފައިވެއެވެ. އަދި109 މީހަކު ޓްރެފިކް ލައިޓަށް ބެލުމެއް ނެތި ދުއްވާފައިވާކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.

އޭގެ އިތުރުން ފޯނާ ކުޅެމުން އެއްގަމު އުޅަނދު ދުއްވި272 މައްސަލައަކާއި ރޯޑް ވޯތިނެސް ނަހައްދާ އުޅަނދު ދުއްވި421 މައްސަލައެއް ފުލުހުން ބަލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް