ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ށ. ނަރުދޫގައި ސަރުކާރުން ޢިމާރާތްކޮށްފައިވާ، ނަރުދޫ ސްކޫލުގެ 3 ބުރީގެ އައު އިމާރާތާއި، ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އަދި ފެނަކަ އައު އިންޖީނުގެ އިފްތިތާހު ކޮށްދެއްވައިފިއެވެ.
ރައީސް މި ޢިމާރާތްތައް ހުޅުއްވައި ދެއްވީ ރިޔާސީ ކެމްޕޭނަށް ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނުއެވެ.
ނަރުދޫގައި ސަރުކާރުން ޢިމާރާތްކޮށްފައިވާ، ނަރުދޫ ސްކޫލުގެ އައު އިމާރާތް ހުޅުއްވައި ދެއްވުމަށްފަހު، ރައީސް ޞާލިޙް ވަނީ އެ ޢިމާރާތް ބައްލަވާލައްވާފައެވެ. ނަރުދޫ ސްކޫލުގެ ތިންބުރީގެ އައު ޢިމާރާތުގައި، 6 ކުލާސްރޫމާއި، ސްޓާފް ރޫމަކާއި، ހެލްތް ރޫމެއް އަދި ކޮމްޕިއުޓަރ ލެބެއް ހުރެއެވެ.
އެގޮތުން މި ޢިމާރާތާއިއެކު ނަރުދޫ ސްކޫލުގެ ޖާގައިގެ ދަތިކަމަށް ހައްލު ލިބި ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ހަމަ އެފަދައިން، ނަރުދޫ ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހުޅުއްވައި ދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޢިމާރާތްވެސް ބައްލަވައިލައްވާފައެވެ. މި ޢިމާރާތުގައި އިދާރީ އޮފީހާއި، ޕަބްލިކް ހެލްތު ޔުނިޓާއި، ކައުންސެލިންގ ރޫމްގެ އިތުރުން، މެޑިކަލް ސްޓޯރ އާއި ޖެނެރަލް ސްޓޯރއެއް އަދި ދެ ފާޚާނާއެއް ވަނީ ގާއިމު ކޮށްފައެވެ.
މީގެ އިތުރަށް، އެ ރަށުގެ ފެނަކަ އައު އިންޖީނުގޭގައި، ދަތިކަމެއް ނެތި އެއްފަހަރާ 40 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ. އަދި އެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި ބިނާކޮށްފައި ވާއިރު، އައު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ، 628ކިލޯވޮޓް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
އެ ރަށުގެ ކުރީގެ އިންޖީނުގެއަކީ 31 އަހަރުވެފައިވާ، މީހުން ދިރިއުޅޭ ގެތަކުގެ ތެރޭގައި ހުރި އިންޖީނުގެއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް