މިއަހަރުގެ ދެވަނަ ކުއާޓާގައި ވައްކަމާ ފޭރުމުގެ 730 މައްސަލައެއް ފުލުހުން ތަހުގީގު ކޮށްފައި ވާކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ދެވަނަ ކުއާޓާގައި ކޮށްފައިވާ ކުށްތަކުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ފުލުހުން ތަހުގީގު ކުރި730 މައްސަލައިގެ ތެރެއިން91 އިންސައްތަ އަކީ ވައްކަމުގެ މައްސަލައެވެ. އަދި ބާކީ ނުވަ އިންސައްތަ އަކީ ފޭރުމުގެ މައްސަލަތަކެވެ.
މީގެ ތެރެއިން ޕްރޮސިކިއުޝަނަށް ފޮނުވާފައި ވަނީ ފަސް އިންސައްތަ މައްސަލައެވެ.
ވައްކަމާއި ފޭރުން އެންމެ ގިނައީ މާލެ ސިޓީގައެވެ. އެގޮތުން މާލެއިން552 މައްސަލަ ފުލުހަށް ހުށަހަޅާފައި ވާއިރު އައްޑޫއިން15 މައްސަލަ ހުށަހަޅާފައި ވެއެވެ. އަދި ފުވައްމުލަކުން21 މައްސަލައާއި ކުޅުދުއްފުށިން10 މައްސަލަ ފުލުހަށް ހުށަހަޅާފައި ވެއެވެ. ދެވަނަ ކުއާޓާގައި އެހެނިހެން ސަރަހައްދުތަކުން ހުށަހަޅާފައި ވަނީ132 މައްސަލައެވެ.
އެންމެ ގިނައިން ވަގަށްނަގާފައި ވަނީ މޯބައިލް ފޯނެވެ. އެގޮތުން ގެއްލިގެން ރިޕޯޓު ކޮށްފައިވާ މައްސަލަތަކުގެ 44 އިންސައްތަ އަކީ ފޯނު ވަގަށް ނެގުމުގެ މައްސަލައެވެ. އަދި ވެހިކަލް ގެއްލިގެން39 އިންސައްތަ މައްސަކލަ ހުށަހަޅާފައި ވާއިރު ފައިސާ ގެއްލިގެން17 އިންސައްތަ މައްސަލަ ހުށަހަޅާފައި ވާކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައެވެ.
ވައްކަމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައި ވަނީ177 ފިރިހެނުންނާއި އަންހެނެކެވެ. އެންމެ ގިނައިން ވައްކަން ކޮށްފައި ވަނީ34-30 ދެމެދުގެ މީހުންނެވެ.
އެންމެ ގިނައިން ވައްކަންކ ކޮށްފައި ވަނީ ގޭގެއިންނެވެ. އަދި މާލެއިން އެންމެ ގިނައިން ވައްކަން ކޮށްފައި ވަނީ މާފަންނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް