ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޔާމީންގެ ކެނޑިޑެންސީއާމެދު ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ޔާމީނުގެ ކެނޑިޑެންސީ ފޯމު ހުށަހަޅާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އެކަމަށްޓަކައި މިއަދު އީސީގެ އިންތިހާބީ މަރުކަޒަށް ޕީޕީއެމްގެ ލީޑަރޝީޕްގެ ގިނަ އަދަދެއްގެ މެމްބަރުންނާއެކު ވަޑައިގަންނަވާ، ފޯމު ހުށަހަޅައިދިނީ ޔާމީނުގެ އިންތިހާބީ އެޖެންޓް، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްއަށް މުހައްމަދު ތޮލާލްއެވެ. އަދި އީސީގެ ފަރާތުން ފޯމާ ހަވާލުވީ އީސީގެ ރައީސް ފުއާދު ތައުފީގެވެ.
ފޯމު ހަވާލު ކުރުމަށްފަހު އީސީގެ ނައިބުރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އާއްމު ގޮތެއްގައި ކެނޑިޑެންސީއާ މެދު ގޮތެއް ނިންމުމަށް 48 ގަޑިއިރު ހޭދަވާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީނުގެ ކެނޑިޑެންސީއާ މެދު 24 ގަޑިއިރުގެ ތެރެގައި ގޮތެއް ނިންމަވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.
އެގޮތުން މިއަދު އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން އެކަމަށް ވަކި ޖަވާބެއް ދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައިވެސް ވިދާޅުވިއެވެ.
ޖަލުގައި ހުންނެވި ރައީސް ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ހުށަހަޅުއްވަންޖެހޭ ލިޔުންތަކުގައި ސޮއިކުރައްވައި އެ ލިޔުންތައް ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ޕީޕީއެމްއިން ހޯދާފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.
"ރައީސް ޔާމީންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔުންތަކުގައި އެ މަނިކުފާނު ސޮއިކުރައްވައި ކަރެކްޝަންސް މެދުވެރިކޮށް އަނބުރާ ޕާޓީ އޮފީހަށް ވަނީ ލިބިފައި" ޕީޕީއެމްއިން ބުނެފައިވެއެވެ.
ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާން ޖެހެ އެވެ. އެކަމަކު މިއީ އަދި ސުޕްރީމް ކޯޓާ ހިސާބުން ނިމި ނިހާއީ ހުކުމަކަށް ނުވާތީ ޔާމީނަށް ވާދަކުރެއްވޭނެ ކަމަށް ޕީޕީއެމް އިން ބުނެއެވެ.
ޔާމިންގެ ރަނިންމޭޓަކަށް މަޖައްސާފައި ވަނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. ޕީޕީއެމްއިން ބުނީ ރަނިންމޭޓަކަށް ޖަމީލް ހަމަޖެއްސެވީ ޔާމީން ކަމަށެވެ.
ޕީޕީއެމްއަކީ މިހާތަނަށް ރިޔާސީ އިންތިހާބުގައި ރަނިންމޭޓަކު ކަނޑައެޅި ފުރަތަމަ ޕާޓީއެވެ. އަދި އެންމެ ފުރަތަމަ ކެނޑިޑެންސީ ފޯމު ހުށަހެޅި ޕާޓީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް