އިންތިހާބުގައި ވާދަކުރަން ޔާމީންގެ ކެނޑިޑެންސީ ފޯމު ހުށަހަޅައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ކެނޑިޑެންސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ. އެކަމަށްޓަކައި މިއަދު އީސީގެ އިނ...

01 Aug 2023 | 05:23

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ކެނޑިޑެންސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އެކަމަށްޓަކައި މިއަދު އީސީގެ އިންތިހާބީ މަރުކަޒަށް ޕީޕީއެމްގެ ލީޑަރޝީޕްގެ ގިނަ އަދަދެއްގެ މެމްބަރުންނާއެކު ވަޑައިގަންނަވާ، ފޯމު ހުށަހަޅައިދިނީ ޔާމީނުގެ އިންތިހާބީ އެޖެންޓް، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްއަށް މުހައްމަދު ތޮލާލްއެވެ. އަދި އީސީގެ ފަރާތުން ފޯމާ ހަވާލުވީ އީސީގެ ރައީސް ފުއާދު ތައުފީގެވެ.

ޖަލުގައި ހުންނެވި ރައީސް ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ހުށަހަޅުއްވަންޖެހޭ ލިޔުންތަކުގައި ސޮއިކުރައްވައި އެ ލިޔުންތައް ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ޕީޕީއެމްއިން ހޯދާފައި ވަނީ މިިދިޔަ މަހުގެ ފަހުކޮޅުގައެވެ.

“ރައީސް ޔާމީންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔުންތަކުގައި އެ މަނިކުފާނު ސޮއިކުރައްވައި ކަރެކްޝަންސް މެދުވެރިކޮށް އަނބުރާ ޕާޓީ އޮފީހަށް ވަނީ ލިބިފައި،” ޕީޕީއެމްއިން ބުނެފައިވެއެވެ.

ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާން ޖެހެ އެވެ. އެކަމަކު މިއީ އަދި ސުޕްރީމް ކޯޓާ ހިސާބުން ނިމި ނިހާއީ ހުކުމަކަށް ނުވާތީ ޔާމީނަށް ވާދަކުރެއްވޭނެ ކަމަށް ޕީޕީއެމް އިން ބުނެއެވެ.

މިއަދު ހުށަހެޅި ކެނޑިޑެންސީ ފޯމަށް މިއަދު އިރު އޮއްސުމުގެ ކުރިން ވަކި ޖަވާބެއް ދެއްވާނެ ކަމަށް އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވިއެވެ.

ޔާމިންގެ ރަނިންމޭޓަކަށް ަމަޖައްސާފައި ވަނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. ޕީޕީއެމްއިން ބުނީ ރަނިންމޭޓަކަށް ޖަމީލް ހަމަޖެއްސެވީ ޔާމީން ކަމަށެވެ.

ޕީޕީއެމްއަކީ މިހާތަނަށް ރިޔާސީ އިންތިހާބުގައި ރަނިންމޭޓަކު ކަނޑައެޅި ފުރަތަމަ ޕާޓީއެވެ. އަދި އެންމެ ފުރަތަމަ ކެނޑިޑެންސީ ފޯމު ހުށަހެޅި ޕާޓީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް