އިންޑިއާ ފަސްޓް ޕޮލިސީ ރާއްޖެއިން އަބަދު ވެސް ދަމަހައްޓާނެކަމުގެ ޔަޤީންކަން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް ސާލިހުގެ އަރިހަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑިއާ ސަރުކާރުން ވެދެއްވާ އެހީތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާިއރު، ރާއްޖެ އާއި އިންޑިއާގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.
މީގެ އިތުރުން އިންޑިއާގެ އެހީގައި މިހާރު ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާއި ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވިއެވެ. އަދި ގްރޭޓަރ މާލެ ކަނެކްޓްވިޓީ ބުރިޖާއި، ހައުސިންގ މަޝްރޫޢުތަކާއި، އައްޑޫ ސިޓީގައި އަޅާފައިވާ ޕޮލިސް އެކަޑަމީގެ މަޝްރޫޢާއި ބައެއް އެހެން މަޝްރޫޢުތަކާއި ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އިންޑިއާގެ އެހީގައި މިހާރުވެސް މަޝްރޫޢުތައް ބާރަށް ހިނގަމުންދާކަން ފާހަގަކުރައްވައި، އެމަޝްރޫޢުތަކުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ މިދަތުރުފުޅަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިންގެ ވަފުދެއް ވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް