މޫސުމީ ބަދަލުތަކުގެ ސަބަބުން ކާރިސާތައް ދަނީ އިތުރުވަމުން: ނައިބު ރައީސް

މޫސުމީ ބަދަލުތަކުގެ ސަބަބުން ކާރިސާތައް އިތުރުވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ އިންޑޯ ޕެސިފިކް އެންވަޔަރަންމަން...

01 Aug 2022 | 11:27

މޫސުމީ ބަދަލުތަކުގެ ސަބަބުން ކާރިސާތައް އިތުރުވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ އިންޑޯ ޕެސިފިކް އެންވަޔަރަންމަންޓަލް ސެކިއުރިޓީ ފޯރަމް ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ، ތަރައްޤީވަމުން އަންނަ ކުދިޤައުމުތަކަށް އެކަނި ކުރިމަތިވެފައިވާ މައްސަލައެއް ނޫން ކަމަށެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ކާރިސާތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ ނައިބު ރައީސް ވަނީ އިނގިރޭސިވިލާތައް ކުރިމަތިވެފައިވާ ހޫނުގަދަވުމުގެ މައްސަލަ އާއި އެމެރިކާއަށް ދިމާވަމުން އަންނަ ހޫނުގަދަވުމުގެ މައްސަލައިގެ ސަބަބުން ޖަންގަލިތަކުގައި ރޯވުމުގެ މައްސަލަ ފާހަގަކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތައް ރާއްޖޭގައި ވެސް އިތުރަށް އަންނަނީ ގޯސްވަމުންކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ސަލާމަތީ ޚިދުމަތްތަކުން ކާރިސާތަކާއި ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބެންޖެހޭ ކަމަށާއި، އެކަމަށް އިތުރަށް ސަމާލުކަންދޭން ޖެހޭ ކަމަށެވެ. އަދި މި ފޯރަމްގައި ތަޖުރިބާތައް ހިއްސާކުރެވި އުފެއްދުންތެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދޭނެކަަމަށް އުއްމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި މިފޯރަމް ބާއްވަނީ، އެމެރިކާ ސަރުކާރާއި އިންޑޯ ޕެސިފިކް ކޮމާންޑުން ގުޅިގެނެވެ. މިއީ ކޯވިޑް 19އަށް ފަހުގައި، އިންޑޯ ޕެސިފިކް އެންވަޔަރަންމަންޓަލް ސެކިއުރިޓީ ފޯރަމް މިގޮތަށް ބާއްވާ ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް