ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ފުރާވަޑައިގެންނަވައިފި އެވެ.
މިދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ރައީސްގެ މިދަތުރުފުޅުގައި އެގައުމުގެ ވެރިރަށް ނިއުދިއްލީއަށް ވަޑައިގެން ބޮޑުވަޒީރު މޯދީ އާއި، އިންޑިއާގެ ރައީސް، ދްރައުޕަތީ މުރްމު އާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާއި ބައްދަލު ކުރައްވާނެއެވެ.
އަދި ދެޤައުމުގެ ގުޅުން ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ކުރައްވާނެއެވެ. މީގެ އިތުރުން ދެޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކަށް ފަހުގައި، ދެޤައުމުގެ އިސްވެރިން ގުޅިފައިވާ ނޫސްބަޔާނެއް ދެއްވަވާނެއެވެ.
އިންޑިއާ ސަރުކާރުގެ އިސްވެރިންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން ނިއުދިއްލީ އާއި މުމްބާއީގެ ވިޔަފާރިވެރިންނާއި ރައީސް ސޯލިހު ބައްދަލު ކުރުމަށް ހަމަޖެހިފައިވެ އެވެ. މިގޮތުން ނިއުދިއްލީ އާއި މުމްބާއީގައިވެސް ބިޒްނަސް ފޯރަމްތައް ބޭއްވުމަށް ތާވަލުކޮށްފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.
މިދަތުރުފުޅުގައި އިންޑިއާގެ މުމްބާއީއަށް ޒިޔާރަތް ކުރައްވައި މަހާރަޝްތުރަގެ މޭޔަރާއި ބައްދަލުކުރައްވައި، މުމްބާއީ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވާނެއެވެ. އަދި ޖަވާހިރް ލާލު ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ މެނޭޖްމެންޓާއި ބައްދަލު ކުރައްވައި މަސައްކަތްތައް ހިނގާނުހިނގާ ގޮތްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ.
ރައީސް އިންޑިއާއަށް ކުރައްވާ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ ރަސްމީ މިދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ.
މިދަތުރުފުޅަށް ފަހު އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެންނަވާނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް