އެމެރިކާގެ އެންމެ ބޮޑު ދުޝްމަން އަދި ވާދަވެރިންނަކީ ރަޝިއާ ކަމަށް އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.
އިއްޔެ ފާހަގަ ކުރި ރަޝިއާގެ ކަނޑުގެ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ޕުޓިން ވަނީ ނުސީދާކޮށް އެމެރިކާއަށް ވަރަށް ފާޑުވިދާޅުވެފަ އެވެ. ޕުޓިން ވިދާޅުވީ އެމެރިކާއިން ދަނީ ދުނިޔޭގެ ކަނޑުގެ އެކި ސަރަހައްދުތައް އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
އެގޮތުން އާކްޓިކް ކަނޑާއި ކަޅު ކަނޑުގެ ރަޝީއާގެ ސަރަހައްދުތަކާއި ކައިރީގައި އެމެރިކާ އާއި ނޭޓޯ ސިފައިން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމެރިކާ އާއި ނޭޓޯގެ އެ އަމަލު ހުއްޓުވުމަށް މަޑު ބާރެ ބޭނުން ކުރަން ޖެހިދާނެ ކަމަށެވެ. އޭގެ ތެރޭގައި ޑިޕްލޮމެޓިކް ގުޅުމާއި އިގްތިސޯދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އެ ގައުމުތަކާއި ދެކޮޅަށް އަޅަން ޖެހިދާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ ކަނޑުތައް އޮންނަން ޖެހޭނީ އެމީހުންގެ ބާރުގެ ދަށުގައި ނޫން ކަމަށެވެ.
މި ރަސްމިއްޔާތުގައި ޔޫކްރެއިން ހަނގުރާމައާއި ގުޅޭގޮތުން ޕުޓިން ވާހަކަ ދައްކަވާފައެއް ނުވެ އެވެ.
މީގެ ކުރިން ހޮންކޮން ކަނޑުގެ ސަރަހައްދަށް އެމެރިކާއިން އަތް ގަދަ ކުރަން އުޅޭ ކަމަށްބުނެ ޗައިނާއިންވެސް ވަނީ ނުރުހުން ފާޅުކޮށް އެ ސަރަހައްދަށް ބާރު ނުފޯރުވުމަށް އެމެރިކާއަށް އިންޒާރުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް