ވެކްސިން ނުޖެހުމަކީ ގޯހެއް ކަމަަށާއި ކޯވިޑް-19ން ރައްކާތެރިވުމަށް ވެކްސިން ޖަހަންޖެހޭ ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމުނައިޒޭޝަންގެ ޗެއާމަން އަދި އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރު ޑރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ތަޖުރިބާކާރު ޑރ. ފައިސަލް "ދުވަސް"އަށް ވިދާޅުވީ، ވެކްސިން ނުޖަހާ ނަމަ ކޯވިޑް-19 ބަލީގައި އެނދުމަތިވެ ފުރާނަ ނުރައްކަލަށް ހުށައެޅުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ނަމަވެސް ވެކްސިން ޖެހުމުން އެ ފުރުސަތު ވަރަށް ކުޑަކަމަށެވެ.
ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން އަވަހަށް ވެކްސިން ފުރިހަމަ ކުރުކަށް ޑރ. ފައިސަލް އިލްތިމާސްކުރެއްވިއެވެ.
ކޯވިޑް-19 ވެކްސިން އަކީ ކޯވިޑް-19 ޖައްސާ ވައިރަސްކަމުގައިވާ ނޮވެލް ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް އިންސާނާގެ ދިފާއީ ނިޒާމު ތައްޔާރުކޮށްދޭ އެއްޗެކެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަމަކ،ީ ޞިއްޙީ އިޖްތިމާއީ އަދި އިޤްތިޞާދީ އެތައް ގެއްލުމެއް މުޅި ދުނިޔެއަށް ކުރިމަތިކުރުވަމުންދާ ކާރިސާއެކެވެ.
ކުރިން ސިއްހަތު ރަނގަޅަށް ތިބި އެކި އުމުރުފުރައިގެ މީހުންވެސް ދަނީ މިބަލީގެ ސަބަބުން ޞިއްޙީ ބޮޑެތި މައްސަލަތަކާ ކުރިމަތިލަމުންނެވެ.
މި ބަލިން ސަލާމާތް ވުމުގެ އުންމީދު ބޮޑީ ރައްކާތެރި އަދި ރަނގަޅު ވެކްސިނެއް ޖެހުމުންނެވެ. އެންމެ ފުރަތަމަ ވެކްސިން ޖެހުން އެންމެ މުހިންމު މީހުންގެ ތެރޭގައި ސިއްޙީ ހިދުމަތްތެރިންނާއި މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންކަމުގައިވާ އުމުރުން ދުވަސްވީ މީހުން އަދި ދާއިމީ ބަލިތައް ތަޙައްމަލު ކުރާ މީހުން ހިމެނެއެވެ.
މިހާރު ހުރި ވެކްސިންތަކަކީ ރައްކާތެރި ވެކްސިންތަކެއް ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް