އަފްޣާނިސްތާނުން ޓެރެރިސްޓުންގެ ކޭމްޕުތައް ފެނިއްޖެ ނަމަ އެ ޤައުމަށް ހަމަލާ ދޭނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުން ބުނެފިއެވެ.
"ދަ ނިއުސް"އަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުގެ ތަރުޖަމާނެއް ކަމަށްވާ ޒެޑް ޓަރާރް ވިދާޅުވީ، އެއްވެސް ނިރުބަވެރި ޖަމާޢަތަކުން އަފްޣާނިސްތާނުގައި ތަމްރީން ކޭމްޕައް ހިންގާނަމަ އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަގުތުން ވަގުތަށް އެކަމާއި ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށެވެ.
މީގެ އިތުރުން، ޕާކިސްތާނަށް ނިސްބަތްކޮށް "ދަ ނިއުސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒެޑް ޓަރާރް ވިދާޅުވީ އެ ސަރަޙައްދުގައި ސުލްޙަ މަސަލަސްކަން ޤާއިމް ކުރުމަށްޓަކައި، އަފްޣާނިސްތާނުގެ އަވަށްޓެރި ޤައުމުތަކުން ނިރުބަވެރިންނަށް ވާގިވެރިވުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ސުލްޙައަށް ކުރާ މަސައްކަތުގައި ޕާކިސްތާނުން މުހިންމު ދައުރެއް އަދާ ކުރާކަންވެސް ތަރުޖަމާނު ފާހަގަ ކުރައްވާފައި ވެއެވެ.
މީގެ އިތުރުން،އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ދާދި ފަހުން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ގުޅިގެން ޓަރާރް ވިދާޅުވީ އެމެރިކާއާއި އިންޑިއާއާއި ދެމެދު ގިނަ ދާއިރާތަކުން ގުޅުން ބަދަހި ވެފައިވާ ކަމަށާއި، އެ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަކީވެސް އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމް ކުރުމަށްޓަކައި މުހިންމު ގުޅުމެއް ކަމަށެވެ. އިންޑިއާގެ އިތުރުން، އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމް ކުރުމަށްޓަކައި އެ ޤައުމުގެ ގިނަ އަވަށްޓެރި ޤައުމުތަކާއި އެމެރިކާއާއި ގުޅުން އުފެދިފައިވާ ކަމަށްވެސް ޓާރާރްވަނީ ވިދާޅުވެފައެވެ.
އަދި އެމެރިކާގެ އަސްކަރިއްޔާ އެ ޤައުމުން ފައިބާފައި ވީ ނަމަވެސް، އަފްޣާނިސްތާނުގެ މަސްލަޙަތު ހިމާޔަތް ކުރުމުގައި އެމެރިކާއިން ދެމި އޮންނާނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި އަފްޣާނު ސިފައިންނާއި ޠާލިބާނު ހަނގުރާމަވެރިންނާއި ދެމެދު ހިނގި ކުރިމަތިލުންތައް ޓަރާރްވަނީ ކުށްވެރި ކުރައްވާފައެވެ.
އެމެރިކާއާއި އެ ޤައުމުގެ ވާގިވެރިން އަފްޣާނިސްތާނުގައި 2001 ވަނަ އަހަރު އޮތް ދާޚިލީ ހަމަނުޖެހުމަށް ރުޖޫއަވުމަށް ޖާގަ ނުދޭނެކަމުގެ ޔަޤީންކަންވެސް ޓަރާރް ދެއްވާފައިވެއެވެ. މިއާއިއެކު، އިންސާނީ ޙައްޤުތަކަށް އަރައި ގަތުން ހުއްޓާލުމަށްވެސް މި ބަސްދީގަތުމުގައި އެމެރިކާއިންވަނީ ޠާލިބާނަށް އިންޒާރު ދީފައެވެ.
އަފްޣާނިސްތާނުގައި ޤާއިމްވެ ތިބޭތާ ވިއްސަކަށް އަހަރު ފަހުން އެމެރިކާގެ އަސްކަރިއްޔާއިން އެ ޤައުމުން ފައިބަން ފަށާފައިވަނީ މި އަހަރު ތެރޭގައެވެ. އެމެރިކާއިން އެންމެ ފުރަމަތަ އަފްޣާނިސްތާނަށް އަރާފައި ވަނީ 11/9 ގެ ހަަމަލާއަށްފަހު، އަލްޤައިދާއަށް ނިޞްބަތްވާ ނިރުބަވެރިން ހަތްޔަރު ކުރުމަށް ކަމަށް އެމެރިކާއިން އަބަދުވެސް އަންނަނީ ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް