ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ ކޮޅު މުލިއާގޭ ކައިރީގައި ބޮމެއް ގެންގުޅޭ ކަމަށް ބުނެގެން ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
މި މައްސަލައިގަ ފުލުހުން ދެމީހަކު ހައްޔަރު ކުރި އެވެ. އެ ދެމީހުން މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ހައްޔަރު ކުރުމަށް ފަހު ޖެހިގެން އައި ދުވަހު އެކަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގަ މިހާރު ފުލުހުންގެ ހައްޔަރުގައި ހުރީ ބޮން އޮތް ކަމަށް ބުނި މީހާއެވެ. އެމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ އިތުރު 15 ދުވަސް ޖަހާފައި އެވެ. އޭނާގެ ބަންދުގެ މުއްދަތު އެންމެ ފުރަތަމަ ޖެހީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.
އެމީހުން ހައްޔަރު ކުރީ މުލިއާގޭ ކައިރީގައި އެ ދެ މީހުން އުޅުނު އިރު ގެންގުޅުނު ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނުމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރުމުން އެ ދެ މީހުން އެހެން ބުނީ މަޖަލަކަށް ކަމަށް ބުނެފައިވެ އެވެ. މަޖަލަކަށް ބުނި ނަމަވެސް ރައީސް ދިރިއުޅުއްވާ ގެކޮޅާއި އެއާޕޯޓާއި އެނޫންވެސް ހައި ސެކިއުރިޓީ ސަރަހައްދުތަކުގައި މަޖަލަކަށްވެސް ގައުމީ ސަލާމަތައް ނުރައްކާވާނެ ޒާތުގެ ވާހަކައެއް ދެއްކުމަކީ ގާނޫނީ ކުށެކެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް