ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކްރިމިނަލް ކޯޓް ސަރަހައްދުގައި މުޒާހަރާ ކުރަން ފަށައިފި އެވެ.
އެ ފަރާތްތަކުން މުޒާހަރާ ކުރަނީ ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް މިއަދު ކޯޓުގައި ކުރިއަށްދާތީ އެވެ.
މިއަދުގެ މުޒާހަރާގައި ކޯލިޝަންގައި އިސްވެރިނާއި ރައީސް ޔާމީނަށް ތާއީދުކުރާ އެމަނިކުފާނުގެ ސަޕޯޓަރުންތަކެއް ވަނީ ބައިވެރިވެފަ އެވެ. މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފަ އެވެ. އެއީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދެ ދައުވާއަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.
ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން އެމަނިކުފާނަށް ލިބުނު އެއް މިލިއަން ޑޮލަރު އެކައުންޓަށް ޖަމާކުރި މައްސަލައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް