ބީއެމްއެލްގެ އެހީގައި ބޮޑުފޮޅުދޫގައި މަސްކަނޑާ ތަނެއް ހަދައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު އއ. ބޮޑުފޮޅުދޫގައި މަސްކެނޑުމަށް ހާއްސަ ތަނެއް ތަރައްގީކޮށްފިއެވެ. މި ޕްރޮޖެކްޓަކީ ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން އިން އ...

01 Aug 2021 | 05:42

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު އއ. ބޮޑުފޮޅުދޫގައި މަސްކެނޑުމަށް ހާއްސަ ތަނެއް ތަރައްގީކޮށްފިއެވެ.

މި ޕްރޮޖެކްޓަކީ ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން އިން އިސްނަގައިގެން ހިންގި ޕްރޮޖެކްޓެކެވެ.

މިތަން ފަރުމާކުރެވިފައި ވަނީ ދުުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުވެސް މިތަން ބޭނުންކުރެވޭނެހެން އަލިކޮށް އެއްފަހަރާ އަށް މީހުންނަށް މަސްކަނޑަން ތިބެވޭނެހެނެވެ. ސާފު ރީތިފެން ލިބޭނެހެން ތަރައްގީ ކުރެވި މަސްކަނޑަން ޖާގަ އޮންނާނެހެން އަދި ތަކެތި ރައްކާ ކުރުވޭނެ ގުދަނެއްވެސް މި ސަރަހައްދުގައި އެކުލެވެއެވެ. މިއީ މަސްވެރިންގެ އިތުރުން ރަށުގެ އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީ ކުރެވިފައިވާ މަސްކަނޑާތަނެކެވެ.

" ބޮޑުފޮޅުދޫ އަކީ މަސްވެރިން ގިނަ ރަށެއް. މިރަށަށް ތާޒާ އަދި ގަނޑުކުރެވިފައިވާ މަސް ވިއްކުމަށްވެސް އެކި ދޯނި ފަހަރު އަންނާނެ. އެހެން ކަމުން މަސްކަނޑަން ހާއްސަ ސަރަހައްދެއް ނެތުމުން މަސް ކެނޑުމަށާއި ސާފުކުރުމަށް މީހުން އެއްވަނީ ބަނދަރު މައްޗަށް. އަދި ކުނި އުކާލަނީ މި ސަރަހައްދުގައި ބެހެއްޓިފައިވާ ޑަސްޓްބިންތަކަށް. މިހާރު ފަސޭހަކާއެކު ކޮންމެ ވަގުތެއްގައިވެސް މަސްވެރިންނާއި އާންމު ރައްޔިތުންވެސް މިސަރަހައްދު މަސްކެނޑުމަށް ބޭނުންކުރެވޭނެ. މިއީ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މި ޖަމިއްޔާއިން ކޮމިއުނިޓީ ފަންޑަށް ހުށަހެޅި ޕްރޮޖެކްޓެއް. މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލެވި ރަށުގެ ރައްޔިތުންނަށް ހަދިޔާ ކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބުނު ބޮޑު އުފަލެއް. މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." ޕްރޮޖެކްޓް ކާމިޔާބު ކުރި ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ޖަމިއްޔާގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވިއެވެ.

މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލުމަށް ބީއެމްއެލްގެ އިތުރުން ސްޕޮންސަރުންނާއި ކްލަބް ގެ މެންބަރުންގެ އިތުރުން ވޮލަންޓިއަރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް